އއ.މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ އުމުރުން 28 އަހަރުގެ ޒުވާނާ ހޯދުމަށް މިހާތަނަށް 87.6 އަކަމޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި މި ލޯންޗު ބަންޑުން ޖަހާލަފައި އޮއްވާ ފެނުނީ މާޅޮހު ކައިރިންނެވެ. މި ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން އޮކްޓޯބަރ 7 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި އޭނާއަށް ފެރިދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.
މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖުއެވެ. އޭނާ އެންމެފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ފުލުހުން ވިދާޅުވީ، ލޯންޗު ބަންޑުންޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އއ. މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު މިއަދު 13:30 އެހައިކަންހާއިރުވަނީ ކަފުޖަހައިގެން ހިމަންދުއަށް ގެންގޮސްފައެވެ.
ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި މަސައްކަތުގައި ފުލުހުންނާއި ކޯސްޓުގާޑުންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށްވަނީ ހަމަޖެހިފައެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. ގެއްލިގެން ހޯދަމުންދާ ޒުވާނާ ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 119 ނުވަތަ 3322111 އަށް މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.