ޚަބަރު

ދިވެހި ކުޑަކުދިން ޖައްވުގެ ހަގީގަތް ހޯދުމުގެ ޝަޢުގާއި އަޒުމުގައި


ރާއްޖެއަކީ ވަޞީލަތާއި އާބާދީގެ ގޮތުން ދުނިޔޭގެ ނިސްބަތުގައި ކިތަންމެ ކުޑަ ޤައުމެއްކަމުގައި ވީނަމަވެސް ދިވެހިންގެ ޢަޒުމާއި ހުވަފެންތަކަކީ އަބަދުވެސް ޖައްވަށްވުރެ އުހުގައިވާ އެއްޗެކެވެ. މިކަން މިފަހަރު ދެނެގަތީ ނާސާގެ ކުރީގެ އެސްޓްރޯނަޓް ހައިޑީ މެރީ ސްޓެފަނީޝީން – ޕައިޕަރއެވެ.

ތަޖުރިބާ ހިއްސާކޮށް ކުދިންގެ މެދުގައި ޖައްވީ ކަންކަމާއި މެދު ޝައުގުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖެއިންދިން ދަޢުވަތަކަށް ނާސާގެ ކުރީގެ އެސްޓްރޯނަޓް ހައިޑީ މެރީ ސްޓެފަނީޝީން – ޕައިޕަރ، ރާއްޖެއަށް ކުރެއްވި ދަތުރުވެގެން ދިޔައީ ދިވެހި ޒުވާނުންނާއި ކުޑަކުދިންނަށް ވަރަށްވެސް ޚާއްސަ ތަޖުރިބާއަކަށެވެ.

ގިނަ ކުދިންގެ ހިތުގައި ކުރިއަށް ދިޔުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނަ އެހެންނަމަވެސް އެދާއިރާއިން ކުރިއަށް ދިޔުމުގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މާބޮޑު މަޢުލޫމާތެއް ލިބެން ނެތް ދާއިރާއަކަށް ޖައްވީ ދާއިރާވެފައިވުމުން ކުދިން ތިބީ ވަރަށް ޖޯޝުގައެވެ. ސްޓެފަނީޝީން – ޕައިޕަރގެ ދަތުރާއެކު ހަދަންވީ ގޮތެއް ނޭނގި ތިބި އެތައް ކުދިންނަކަށް މިދާއިރާއިން ދިވެހިންނަށްވެސް ކުރިއަށް ދެވޭނެ މަގެއް އޮވެދާނެކަމުގެ އުއްމީދު އައުވެގެންދިޔައެވެ.

ދިވެހި ކުޑަކުދިންނާއި ޒުވާނުންނާ ބައްދަލުކުރުމަށްފަހު ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ނާސާގެ ކުރީގެ އެސްޓްރޯނަޓް ހައިޑީ މެރީ ސްޓެފަނީޝީން – ޕައިޕަރ ވިދާޅުވީ، ދިވެހި ކުދިންގެ މެދުގައި ކަންކަން ހޯދާއި ދެނެގަތުމުގެ ޝައުގުވެރިކަން އެބަހުރިކަމަށެވެ. ޚާއްސަކޮށް ޖައްވީ ކަންކަމާމެދު ކުދިންގެ ޝައުގުވެރިކަން ހުރިގޮތުން ކުރިއަށް އޮތްތަނުގައި ބައެއް ކުދިން މިދާއިރާއިން މަތީ ތަޢުލީމު ޙާސިލުކޮށް ނާސާގެ އެކި މިޝަންތަކުގައި ތިބެދާނެކަމުގެ އުއްމީދު ފެނިގެންދިޔަކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެ ފަދަ ކުޑަ ޤައުމުތަކަށް މިދާއިރާއިން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޑަ ޤައުމުތަކުގައި 'ސްޕޭސް ޕްރޮގްރާމެއް' ނެތުން. އޭގެ މާނައެއް ނޫން ކޮންމެވެސް ދުވަހަކުން އެފަދަ ޕްރޮގްރާމެއް ރާއްޖޭގައި ނުހުރެދާނެއޭ، ނާސާއިން ޖައްވުގައި ކުރިއަށްގެންދާ މައިގަނޑު މަސައްކަތުގައި ބައިނަލްއަޤުވާމީ ބައިވެރިވުން ހިމެނޭއިރު ކޮންމެވެސް ދުވަހަކުން ރާއްޖޭގެ އެސްޓްރޯނަޓަކު ޖައްވުގައި ޙަރަކާތްތެރިވުމަކީ ހަމަ ގާތްކަމެއް." މެރީ ސްޓެފަނީޝީން – ޕައިޕަރ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއެކު، ޚާއްސަކޮށް ވަރަށް ހަގު އުރުމުގެ ކުދިންތަކަކާއެކު ނާސާގެ ކުރީގެ ނާސާގެ ކުރީގެ އެސްޓްރޯނަޓް ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައި، ނާސާއާއި ޖައްވީ އެކި އެކި މިޝަންތަކުގައި ކުރެވުނު ތަފާތު ތަޖުރިބާތައް އޭނާވަނީ އެކުންދިންނާއި ހިއްސާކޮށްފައެވެ. އަދި އެންމެ ޚާއްސަކަމެއްގެގޮތުގައި ކުދިންގެ ފަރާތުން ސުވާލުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކި ކުދިން އޭނާއާއި ކުރިމަތިކުރުވި ތަފާތު ސުވާލުތަކުން މިކަމަށް ހުރި ޝަޢުގުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

މިއީ ހައިޑީ މެރީ ސްޓެފަނީޝީން – ޕައިޕަރ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވީނަމަވެސް، ދިވެހި ތުއްތުކުދިންނާއި ބޮޑެތިވަމުން އަންނަ ޒުވާނުންގެ ހިތްތަކުގައި ސައިންސްއާއި، ޓެކްނޮލޮޖީ އަދި ޖައްވީ ކަންކަމާމެދު ހުންނަ ޝަޢުގުވެރިކަން ރާއްޖެއަށް މިކުރި ފުރަތަމަ ދަތުރުގެ ތެރެއިންވެސް ވަރަށް ބޮޑަށް އިޙްސާސްކުރެވުނުކަން އޭނާ ފާހަގަކުރެއެވެ.

ނާސާގެ އެކި މިޝަންތަކުގައި އަންހެނުންގެ ދައުރު އިތުރުވަމުން އަންނައިރު މިއީ ވަކި ޖިންސަކަށް ޚާއްސަ މަސައްކަތެއް ނޫންކަން މެރީ ސްޓެފަނީޝީން – ޕައިޕަރވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ނާސާގެ އެކި މިޝަންތަކުގައި "ސްޕޭސް ފްލައިޓް"ތަކުގައި މަސައްކަތްކުރައްވާފައިވާއިރު ޖައްވުގައި އެތައް ދުވަހެއް ހޭދަކުރައްވާ އެތައްފަހަރަކު އޭނާވަނީ "ސްޕޭސް ވޯކް"ވެސްކޮށްފައެވެ. މީގެއިތުރުން ނާސާގެ ޖައްވީ އިދާރާއަށް ގެންނަންޖެހުނު މުހިއްމު އެތައް ބަދަލެއް ގެނައުމުގެ އެކި މިޝަންތަކުގައި ޢަމަލީގޮތުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

2009 ވަނަ އަހަރު ނާސާގެ މިޝަންތަކުން ރިޓަޔަރ ވެވަޑައިގެންނެވިއިރު އޭނާވަނީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ދުނިޔެ ވަށާ 250 ބުރު ހަމަކޮށްފައެވެ.