ކޯޓަށް ހުށައަޅާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ޗެއިން އޮފް ކަސްޓަޑީއާއި ގުޅޭ ފުލުހުން ޙާޒިރުކޮށްގެން ޗެއިން ކަށަވަރުކުރެވިދާނެކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަސިމް އަދުނާން ކަނޑައަޅުއްވައިފިއެވެ.
ޗެއިން އޮފް ކަސްޓަޑީއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން އެއްކުރާ ހެއްކި، އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ލިޔުންތަކެވެ.
މީގެކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ޗެއިން އޮފް ކަސްޓަޑީ ނެތިގެން އެމީހުން ބަންދުން ދޫވުން ނުވަތަ ކުށް ސާބިތު ނުވުމެވެ. ޗެއިން އޮފް ކަސްޓަޑީ ނެތިގެން ނުވަތަ ފުރިހަމަ ނުވެގެން މީހުން ދޫވާ މައްސަލައާއި ގުޅިގެން އެކަމަށް ހައްލެއް ހޯދައިދެއްވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަސިމް އަދުނާން ނެރުއްވި "ޕްރެކްޓިސް ޑައިރެކްޝަން"ގައި ވަނީ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ މީހުން ކޯޓަށް ހާޒިރުކޮށްގެން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތް ހަދައިދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ "ޕްރެކްޓިސް ޑައިރެކްޝަން"ގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލްކުރެވިފައިވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ޙިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ، ޗެއިންއާއި ގުޅޭ އެންމެން ޝަރީޢަތަށް ޙާޒިރުކޮށް ކަށަވަރުކުރެވިދާނެކަމަށެވެ.
މީގެ އިތުރުން ޗެއިންގައި ހިމެނޭ އެންމެހާއި ކަމަކާއި ގުޅިގެން ޝަރީޢަތަށް ޙާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ޙާލަތުގައި، ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީޢަތަށް ޙާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިން ކަށަވަރުކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެކަމަށްވެސް ޕްރެކްޓިސް ޑައިރެކްޝަނުގައިވެއެވެ.
ޗެއިން އޮފް ކަސްޓަޑީގައި ސުވާލު އުފެދިގެން ނުވަތަ މައްސަލަ ޖެހިގެން މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ސާބިތު ނުވެ ކޯޓުން އެމައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ދޫވެފައިވެއެވެ. އޭގެތެރޭގައި 2016 ވަނަ އަހަރު ސްރީލަންކާއިން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ލިބޭމީހާގެ މައްޗަށް ކުށް ސާބިތުނުވީ ޗެއިން އޮފް ކަސްޓަޑީގައި މައްސަލަ ޖެހުމުންނެވެ. އަދި އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން ބައި ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތު ނުވާކަމަށް ކޯޓުން ކަނޑައެޅީވެސް ޗެއިން އޮފް ކަސްޓަޑީގެ މައްސަލާގައެވެ.