ޖީއެސްޓީ އަދި ޓީ–ޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލުގެ މަސައްކަތްތައް މަޖިލީހުގައި ފަށައިގެން ކުރިއަށް ދާއިރު، ޖީއެސްޓީ އަދި ޓީ- ޖީއެސްޓީއަށް ގެންނަ ބަދަލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބާބު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ މި ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ. އަދި މިކަމުގެ ފައިދާތައް ރައްޔިތުންނަށްވެސް ކުރާނެކަން ސަރުވާޝް ވިދާޅުވިއެވެ.
ސަރުވާޝް ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގައި އިންފްލޭޝަން ރޭޓުތައް އުފުލެމުންދާއިރު، ރާއްޖޭގައި މައްޗަށް ނުދަނީ ސަބްސިޑީތައް ދެމުންދާތީ ކަމަށެވެ. އަދި ސަބްސިޑީ ދެވެނީ ޓެކްސްއާއި ގުޅިގެން ކަމަށް ސަރުވާޝް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އިންފްލޭޝަން ރޭޓް މައްޗަށް ނުދާ ސަބަބަކީ ސަބްސިޑީ އާއި އެއްޗެހި ދީފައި ހުންނާތީ، ސަބްސިޑީވެސް ދެވެނީ ޓެކްސް ފައިސާއިން، ހިލޭ އަންނަ އެއްޗެއް ނޫން،" ސަރުވާޝް ވިދާޅުވިއެވެ.
ސަރުވާޝް ވިދާޅުވީ ފިއުލް ސަބްސިޑީގެ ގޮތުގައިވެސް ދައުލަތުން ބޮޑު ޙަރަދެއް ކުރާ ކަމަށެވެ. އެގޮތުން މިއަހަރަށް ބަޖެޓުކުރީ ފިއުލް ސަބްސިޑީގެ ގޮތުގައި 240 މިލިއަން ކަމަށާއި، އެހެންނަމަވެސް މިވަގުތު 1 ބިލިއަނަށްވުރެ ގިނައިން ހަރަދުކޮށްފައިވާއިރު، އަހަރު ނިމޭއިރު 2 ބިލިއަނާއި ގާތްކުރާ އަދަދަކަށް ފިއުލް ސަބްސިޑީގެ ގޮތުގައި ޙަރަދު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ސަރުވާޝް ވިދަޅުވިއެވެ.
ޓެކްސްއާއެކު ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސަރުވާޝް ވިދާޅުވީ، އާއްމުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ މުދާތަކަކުން ޖީއެސްޓީ މައްޗަށް ނުދާނެ ކަމަށެވެ. އެހެން ނަމަވެސް އެހެން މުދާތަކުގެ އަގުތައް މައްޗަށް ދާނެކަމަށް ސަރުވާޝް ވިދާޅުވިއެވެ.
"ކޮންމެވެސް ވަރެއްގެ އަސަރެއް ރައްޔިތުންނަށް ކުރާނެ، މިސާލަކަށް 100 ރުފިޔާގެ އެއްޗަކުން ޖީއެސްޓީ ލީމަ އަރާނީ 106 ރުފިޔާއަށް އަރާނީ މިހާރު، ބަދަލާއި އެކު 108 ރުފިޔާއަށް އަރާނެ، އަގުތައް މައްޗަށް ދަތީ، އިމްޕޯޓަށް އިންފްލޭޝަން އާއި އެކު އެކަން އަންނާނެ، މިއީ ޖީއެސްޓީ ބަދަލާއި ނުލާވެސް ހަމަ ފެންނާނެ ކަމެއް،" ސަރުވާޝް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.