ޚަބަރު

ހުޅުމާލެ ބައެއް މަގުތަކުގައި ކަރަންޓު ކޭބަލްތައް ބުރިކޮށްލި މައްސަލަ ތަހުގީގުކުރަނީ


ހުޅުމާލެ ބައެއް މަގުތަކުގައި ކަރަންޓު ކޭބަލްތައް ބުރިކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން ބުނީ އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ބައެއް މަގުތަކުގައި ކަރަންޓު ކޭބަލް ބުރިކޮށްލާފައިވާކަމަށެވެ. އަދި ކޭބަލްތައް ބުރިކޮށް، ވަގަށް ނެގުމުގެ ސަބަބުން އަނދިރިވެފައިވާ މަގުތައް ދިއްލުމުގެ މަސައްކަތް އެޗްޑީސީން ކޮށްފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނީ މިމައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާކަމަށެވެ. އަދި ފުލުހުން ވަނީ މިމައްސަލަ ތަހުޤީޤުކުރަމުންދާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ހުޅުމާލެއިން ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ އުތުރުގެ ބައެއް މަގުތަކުންނެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓު ކޭބަލް ބުރިކޮށް ވަގަށް ނެގުމަކީ މީގެކުރިންވެސް ހިނގާފައިވާކަމެއްކަމަށެވެ.