ތަޢައްޔަރުވެގެން ބޭނުން ނުކުރަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އަންގާފައި ވަނީ ރާއްޖެ އެތެރެކޮށް ވިއްކަން ހުއްދަ ދީފައިވާ ބޭހެއް ނޫންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބުނެފިއެވެ.
އިންޑިއާގެ ހަރިޔާނާގައި ހުންނަ މައިޑަން ފާމަސޫޓިކަލްސް ލިމިޓެޑުން އުފައްދާ ބޭސްތަކެއް ތަޢައްޔަރުވެފައިވާ ކަމަށް ބުނެ ގެމްބިޔާއިން ރިޕޯޓުކޮށްފައި ވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެ ބޭސް ބޭނުން ނުކުރަން އަންގާފައެވެ. މި މައްސަލަ ދިމާވެގެން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް ދޭ ހަތަރު ބާވަތެއްގެ ކޯފް ސިރަޕެއްގެ ބައެއް ބެޗުތަކުގައެވެ.
- ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން - ލޮޓް ނަމްބަރު: އެމްއެލް21-202
- ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-199
- މަކޮފް ބޭބީ ކޯފް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-203
- މެގްރިޕް އެން ކޯލްޑް ސިރަޕް - ލޮޓް ނަމްބަރު: އެމްއެލް21-198
އެމްއެފްޑީއޭއިން ބުނީ އެ ބޭސްތަަކީ ރާއްޖެ އެތެރެކޮށް ވިއްކުން ހުއްދަކުރާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ. އެކަމަކު ބޭސް ސިޓީއަށް ނޫން ގޮތަކަށް ވެސް މި ބޭސްތައް ރާއްޖެއަށް އެތެރެވެދާނެތީ އެކަމަށް ސަމާލުކަންދިނުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަވެއެވެ. މީގެއިތުރަށް އެގޮތަށް އެތެރެވެދާނެ ކަމަށް ބަލައި ބޭސް ސިޓީއަށް ބޭސް އެތެރެކުރާ އިރުވެސް ހާއްސަ ސަމާލުކަމެއް ދީގެން ވިޔަފާރި ބަނދަރުތަކުގައި ބަލަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ގެމްބިޔާއިން މި މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެ ގައުމުގައި 66 ކުއްޖަކު މަރުވެ ކިޑްނީގެ މައްސަލަތަކާއި އެހެން ބައެއް މައްސަލަތައް ވެސް ވަނީ ބައެއް މީހުންނަށް ދިމާވެފައެވެ. އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ލަފާކުރާގޮތުގައި އެ މައްސަލަތައް ދިމާވަނީ އެ ބޭހުގެ ސަބަބުންނެވެ.