ޖަރުމަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބަޔާނުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލެއޮން ގޮރެޓްޒްކާއެވެ. އަދި މެޗްގެ 53 ވަނަ މިނެޓްގައި ލެރޯއި ސާނޭ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ޑޯޓްމުންޑުގެ ފުރަތަމަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ޔޫސުފާ މޮއުކޯކޯއެވެ. އަދި މި މެޗުގައި ޑޯޓްމުންޑުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު އެންމެ ފަހު މިނެޓުގައެވެ. އެގޮތުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރެއިން ފަހު ވަގުތު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މޮޑެސްޓެވެ. މިލަނޑު ޖެހުމުގެ ކުޑައިރު ކޮޅެއް ކުރިން ބަޔާންގެ ކިންގްސްލީ ކޯމަންއަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއްވެސް ދައްކާފައެވެ.
މިމެޗް އެއްވަރު ވުމާއެކު ބަޔާނަށް ތާވަލްގެ އެއްވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެންލިގެން ގޮސްފައެވެ. އަދި މިވަގުތު އުޅެނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ ތިންވައިގައެވެ. ޑޯޓްމުންޑަށްވެސް 16 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ލަނޑަށް ބަލާއިރު މިވަގުތު އުޅެނީ ތާވަލްގެ ހަތަރުވަނައިގައެވެ.