ޚަބަރު

ޔަހޫދީން ހުޅަނގު އައްސޭރިއަށް އަރާ ދެ މުސްލިމުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ސިފައިން ހުޅަނގު އައްސޭރިއަށް އަރާ ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައިފިއެވެ. އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖަނީނަށް އަރާ ޔަހޫދީ އިސްރާޢީލުގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ އިތުރު 11 މީހަކު ޒަޚަމުކޮށްލިއެވެ.

ޔަހޫދީ ސިފައިން ޖަނީނަށް އަރާފައި ވަނީ އިސްލާމިކް ޖިހާދު ޖަމާޢަތަށް ނިސްބަތްވާ 25 އަހަރުގެ މީހަކު ހޯދައި، ހައްޔަރު ކުރުމަށް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީފައި ވަނީ ސިފައިންނަށް ހުރަސް އެޅުމުން ކަމުގައި އިސްރާޢީލުން ބުނެއެވެ. މި ހަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ފަލަސްޠީނުގެ މީޑިޔާއެއް ކަމުގައިވާ ވަފާއިން ބުނީ ޔަހޫދީ ސިފައިން ނޫސްވެރިންނާ ދިމާއަށް ވެސް ބަޑިޖަހައި ހަމަލާދީފައިވާ ކަމުގައެވެ. އޮކްޓޫބަރު 5ވަނަ ދުވަހު ވެސް ޔަހޫދީ ސިފައިން ވަނީ، އެ މީހުން ހިންގަމުންދިޔަ އޮޕަރޭޝަނެއް ކަވަރު ކުރަމުން ދިޔަ ނޫސްވެރިންތަކަކަށް ބަޑިން ހަމަލާ ދީފައެވެ. ހުޅަނގު އައްސޭރީގެ ނާބުލުސްގައި ދިން މި ހަމަލާތަކުގައި ފަލަސްޠީނުގެ އިތުރު ޒުވާނެއް ޝަހީދު ކޮށްލާފައި ވާއިރު، ދެ ނޫސްވެރިއަކު ޒަޚަމުވިއެވެ.

ޖަނީންގައި ދިރިއުޅޭ އެންމެ މީހަކު ހައްޔަރު ކުރުމަށް ޔަހޫދީ ސިފައިން އެ ރަށަށް އަރާފައި ވަނީ ފުރިހަމަ އަސްކަރީ ބާރާއެކުއެވެ. ހެލިކޮޕްޓަރުތަކާއި ބަރު ހަތިޔާރާ އެކުގައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ބުނީ، މި ކަމުން ވެސް ހާމަކޮށްދެނީ، ޔަހޫދީ ސިފައިން ފަލަސްޠީނުގެ ޒުވާނުންނާ މެދު ޖެހިލުންވާ މިންވަރު ކަމުގައެވެ.

އޮކްޓޫބަރު 7ވަނަ ދުވަހު ވެސް ޔަހޫދީން ސިފައިން ވަނީ ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ 14 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޤަލްޤިލްޔާގައެވެ. ދެވަނަ ޒުވާނާ ޝަހީދު ކޮށްލާފައި ވަނީ ރާމަاللهގައެވެ.

މި މަރުތަކަކީ ގަތުލުތަކެއްގެ ގޮތުގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ސިފަ ކުރެއެވެ. ޔަހޫދީ ސިފައިން މޭ މަހުގެ ތެރޭގައި ދިން ބަޑީގެ ހަމަލާތަކެއްގައި އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ އަކްލަޙް ވަނީ މަރައިލާފައެވެ. އޭނާ ވެސް މަރައިލާފައި ވަނީ ޔަހޫދީ ސިފައިން ހިންގަމުންދިޔަ އޮޕަރޭޝަނެއް ކަވަރުކުރުމުގެ ތެރެއިންނެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ އ.ދ.ގެ އޮފީހުން ބުނީ، ޖަނަވަރީ 1އިން ފެށިގެން ސެޕްޓެންބަރު 20އާ ދެމެދު ޔަހޫދީ އިސްރާޢީލުގެ ސިފައިން ދީފައިވާ ތަފާތު ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު 84އަށް އަރާ ކަމުގައެވެ.