ޚަބަރު

ފަތުރުވެރިކަމުގެ ކާމިޔާބީގައި ޒުވާނުންގެ ހިއްސާ ބޮޑު: ނާއިބު ރައީސް


ރާއްޖޭގެ ފަތުވެރިކަމަށް ލިބިފައިވާ ކާމިޔާބީގައި ޒުވާނުން ކުރި ބުރަ މަސައްކަތް މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރ. ޓުވަރިޒަމް އެކްސްޕޯ 2022 އެވޯޑް ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފަތުރުވެރިކަމުގެ ގޯލްޑަން ޖުބުލީ ފާހަގަކުރާއިރު، މިއަދާއި ހަމަޔަށް ކާމިޔާބުކަމާއެކު ފަތުރުވެރިކަން ދެމެހެއްޓެވި ބޭފުޅުންގެ ހަދާން އާކޮށް އެބޭފުޅުންގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަން ކުރަންޖެހޭ ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ 1972 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޓުވަރިޒަމް ކުރިއެރުވުމަށް ކުރެވި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަނީ ވަރަށް އުފާވެރިކޮށްކަމަށެވެ. އަދި ފަތުވެެރިކަން ކާމިޔާބު ކަމެއްގެ ގޮތުގައި ދެމެހެއްޓުވުމަށް ވަރަށް ގިނަ ޒުވާނުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ނައިބް ރައީސް ފާހަގަ ކުރެއްވިއެވެ.


އެމަނިކުފާނު ވިދާޅުވީ، މިއަދު ފަތުވެރިކަމުން ލިބެމުންދާ ކާމިޔާބުގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ތިބެ ކުރެއްވި މަސައްކަތް ކަމަށެވެ. އަދި މިއަދު ފަސޭހަ ކަމާއިއެކު ދަތުރުފަތުރުގެ ކަންކަން އޮތް ނަމަވެސް ކުރީގައި ކަންކަން އޮތީ އެގޮތަކަށް ނޫންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެތައް މަހެއް ވަންދެން އާއިލާއާއި ދުރުގައި ތިބެ ދިވެހި ޒުވާނުން ކުރެއްވި މަސައްކަތުގެ އަގު ތާއަބަދު ވަޒަން ކުރަން ޖެހޭކަމަށެވެ.

"އާއިލާއާއި ދުރުގައި ތިބެ ކުރި ބުރަ މަސައްކަތަކީ މިއަދު މިދާއިރާގެ އެންމެ ބޮޑު ކާމިޔާބު. މިއަދު މިފާހަގަކުރާ އުފާވެރިކަމަކީ އެބޭފުޅުންގެ ކާމިޔާބު. ކޮންމެ ކަމެއްގައިވެސް އަގުވަޒަން ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް. މިއަދު ރ.އަތޮޅުން ފެނިގެން މިދަނީ ރ.އަތޮޅުގެ ފަތުވެރިކަމުގެ ޚިދުމަތްތެރިގެ ޚިދުމަތުގެ އަގުވަޒަން ކުރެވިގެން ދިޔަތަން. މިއީ އަތޮޅު ފެންވެރުގައި ކުރެވިގެންދާ ނަމޫނާ މަސައްކަތެއް." ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިކަމުގައި ދައްކާފައިވާ ނަމޫނާ ދެމެހެއްޓުމަކީ ގޮންޖެހުން އޮތްކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކުވެރިކަމާއިއެކު އެއް އަޒުމެއްގައި މަސައްކަތް ކުރަންޖެހޭކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިއެއްގެ ހައިސިއްއޔަތުން މިހާތަނަށް ޤައުމަށްޓަކައި އެންމެ މުހިންމު ނިންމުން ނިންމެވި ވެރިއަކީ ރައީސް ޞާލިހު ކަމަށެވެ. އެގޮތުން ކޯވިޑްގައި މުޅި ދުނިޔެ ބަންދުވެ ދަތުރުފަތުރު ކުރަން ކުރި ތިއްބައި ރައްކާތެރި ކަމާއިއެކު ދަތުރުފަތުރަށް ހުޅުވާލައި، ފަތުރުވެރިކަން ކުރިއެރުވޭނެކަން މުޅި ދުނިޔެއަށް ދެއްކެވި ވެރިޔަކީ ރައީސް ޞާލިހުކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރ.އަތޮޅުގައި ފަތުރިވެރިކަމަށް ޚިދުމަތް ކުރެއްވި 80 އަށްވުރެ ގިނަ ބޭފުޅުންނަށް ވަނީ ޚިދުމަތުގެ އަގުވަޒަންކޮށް އެވޯޑް ދެއްވާފައެވެ.