ޚަބަރު

ތަރައްޤީގެ ކަންކަމުގައި ރައްޔިތުން އެދޭކަންކަން މިސަރުކާރުން ހާސިލްކޮށްދޭނެ: ނައިބް ރައީސް


ރައްޔިތުން އެދޭ ތަރައްޤީގެ ކަންކަން މިސަރުކާރުން ހާސިލް ކޮށްދެއްވަމުންދާނެ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރ. ދުވާފަރު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ޞިއްޙީދާއިރާއަށް ބޭނުންވާ ވަޞީލަތްތަކާއި ޚާއްޞަކޮށް އިންސާނީ ވަޞީލަތުގެ ދަތިކަންކަން ހިމެނޭކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އައިސް ލިބުންފަދަ މަސްވެރިނަނަށް ކުރިމަތިވާ އެކިދަތިތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ބޭންކެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ޖަމާޢަތްތެރިން ތަމްރީނުކުރުމަށް ކޯހެއް ހިންގުމަށް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ސަރުކާރެއްކަމާއި އެގޮތުން ރައްޔިތުންގެ ކަންކަން ސަރުކާރުން ނިންމަވަމުންގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތްތައް ބައްލަވައިގެން ރައްޔިތުންގެ ޚިޔާލާއެކުގައި ކަމަށެވެ. މީގެ އިތުރުން ރަށްރަށުގެ ތަރައްޤީއަށް ހިންގާ އެންމެބޮޑެތި މަޝްރޫޢުތަކުން ފެށިގެން އެންމެ ކުދި ކަންކަންވެސް ދޫނުކޮށް ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ދުވާފަރުގެ މުައައްސަސާތަކުގެ އިސްވެރިންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އައުޓްޑޯ ލައިބްރަރީއެއްގެ މުހިންމުކަމާއި ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިޔަށްގެންދިއުމުގެ މުހިންމުކަމާއި ފެމެލީ އެންޑް ޗިންޑްރަން ސަރވިސް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ލިބުމުގައި ކުރިމަތިވާ ދަތިތަކާއި ބަޖެޓުގެ ދަތިކަމާއި ފުލުހުންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށްގެންދިއުމަށް ބޭނުންވާ މުވައްޒަފުންނާ ވަޞީލަތްތަކުގެ ދަތިކަމާއި އަދި މި ނޫންވެސް މުއައްސަސާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާކަންކަން ހިމެނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ދުވާފަރު ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލެއްވިއެވެ.