ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އެޤައުމުގެ ރައްޔިތުންނަށް ރާއްޖެއިން ވެދިން އެހީތެރިކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް ރިޓަޔަރޑް އަތެރް މުޚްތަރް ޝުކުރު އަދާކޮށްފިއެވެ. 
ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާން މޯލްޑިވްސް ފްރޭންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން  ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު ވަނީ ޓެލެތޯން އެއް ކުރިއަށް ގެންގޮސްފައެވެ. އެ ޓެލެތޯންނުން ލިބުނު  3.8 މިލިޔަން ރުފިޔާ ނުވަތަ 54 މިލިޔަން ޕާކިސްތާން ރުޕީސް ޕާކިސްތާނަށް ހަވާލުކުރުމަށް މިރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. 
މި ރަސްމިއްޔާތުގައި އެ ފައިސާ ރަސްމީކޮށް ޕާކިސްތާން ހައިކޮމިޝަނަށް ހަވާލުކުރުުމުގެ އިތުރަށް ޓެލެތޯން ކުރިއަށްގެންދިޔުމަށް ހަރަކާތްތެރިވި މީހުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. 
		
			ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް ރިޓަޔަރޑް އަތެރް މުޚްތަރް ވަނީ  މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަށް ގެއްލުންތައްވާކަން ފާހަގަކުރައްވާ އެންމެ ބޮޑަށް ގެއްލުން ލިބޭ 10 ޤައުމުގެ ތެރޭގައި ޕާކިސްތާން ހިމެނޭކަން ފާހަގުރައްވާފައެވެ. އަދި މިފަހަރު ޕާކިސްތާނަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ރާއްޖޭގެ ރައްޔިތުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށާއި ޓެލެތޯން ކުރިއަށްގެންދިޔުމަށް ހަރަކާތްތެރިވި މީޑިއާތަކަށާއި ޕީއެސްއެމްއަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. 
ހައިކޮމިޝަނަރ ވަނީ ރާއްޖެއިން ފޯރުކޮށްދިން އެހީތެރިކަމަކީ ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތް ގާތްގުޅުމުގެ ވަރުގަދަކަންކަމަށާއި ދިމާވާ ކޮންމެ ދަތިކަމަކުން އަރައިގަތުމަށް އަބަދުވެސް ދެ ޤައުމު އެކުގައި އޮތުމަށް އެދޭކަން ސަފީރު ފާހަގަކުރެއްވިއެެވެ. 
		
			މިދިޔަ ޖޫންމަހު ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑެތި ސަރަހައްދުތައް އަޑިއަށް ގޮސް ގާތްގަނޑަކަށް 1700 މީހުން ވަނީ މަރުވެފައެވެ. ގެދޮރު ގެއްލިފައިވާ ލައްކައެއްހާ މީހުން ދަނީ ފަޅުތެރޭގައި ދިރިއުޅެމުންނެވެ. 
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ޕާކިސްތާނަށް މިހާރު ދިމާވެފައިވާ ހާލަތުން ވަގުތީ ހިޔާތަކުގައި އެތައް މިލިޔަން ބަޔަކު އެބަތިއްބެއެވެ.