ކުޅިވަރު

ފުރަތަމަ ސާފް ގޭމްސްއިން ގިނަ ތަޖުރިބާތަކެއް ލިބިއްޖެ - އަފްނާން


ފުރަތަމަ ސާފް ގޭމްސްގައި މި ލިބުނު ތަޖުރިބާއަކީ ކެރިއަރުގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ޤައުމީ އަންހެން ބެޑްމިންޓަންް ޓީމްގެ އައިޝަތު އަފްނާން ރަޝީދު ބުނެފިއެވެ. ސައުތް އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ވާދަކުރި އަފްނާން ރަޝީދު ބުނީ މި ސަރަޙައްދުގެ އިންޑިޔާ އަދި ލަންކާގެ ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގައިވެސް މޮޅެތި ކުޅުންތެރިންކަމަށާއި، އެކުޅުންތެރިންނާއި ދެކޮޅަށް ކުޅެ ގިނަ ތަޖުރިބާތަކެއް ލިބިއްޖެކަމަށެވެ. އަންހެން ސިންގަލްސްގައި އަފްނާން ފުރަތަމަ ވާދަކުރީ އަފްޣާނިސްތާންގެ ލިދާ ސަޜާޖްއާއެވެ. މި މެޗް ފަސޭހަކަމާއިއެކު އަފްނާންވަނީ ސީދާ ދެ ގޭމުން ކާމިޔާބުކޮށް ސިންގަލްސް އިވެންޓްގެ ކުއާޓާރ ފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާރ ފައިނަލްްގައި އަފްނާން ނިކުންނަން ޖެހުނީ އިންޑިޔާގެ އެއް ނަންބަރު ކުޅުންތެރިޔާ އަދި ދުނިޔޭގެ އަންހެން ގަދަ ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސިންދޫއާއި ދެކޮޅަށެވެ. މި މެޗުން އަފްނާންވަނީ ސީދާ ދެ ގޭމުން ބަލިވެފައެވެ. މެޗަށްފަހު އައިޝަތު އަފްނާން ރަޝީދު ބުނީ އިންޑިޔާ ނޫން އެހެން ޤައުމަކާއި ޖެހުނުނަމަ ސެމީ ފައިނަލުން ޖާގަ ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށާއި، މިފަހަރު ނަސީބު ދެރައީކަމަށެވެ. އެހެން ނަމަވެސް މުބާރާތުގެ އެއް ނަންބަރު ސީޑްއާއި ވާދަކޮށްލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއްކަމަށް އަފްނާން ބުންޏެވެ."ކުއާޓާރ ފައިނަލްގައި އިންޑިޔާ ނޫން އެހެން ޤައުމަކާއި ޖެހުނުނަމަ ސެމީން ޖާގަ ލިބޭނެހެން ހީވަނީ، ފުރަތަމަ ސާފް ގޭމްސްމީ، އެހެންވީމަ ވަރަށް ބޮޑު ތަޖުރިބާއެއް މި ލިބުނީ، އަލަށް ދަސްވި ބައިވަރުކަންތައްތައްވެސް" އަފްނާން ބުންޏެވެ. އަފްނާންގެ އިތުރުން މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ގަދަ އަށަކުން އުއްމީދީ ކުޅުންތެރިޔާ އަޙުމަދު ތޯއިފް މުޙައްމަދުވެސް ޖާގަ ހޯދިއެވެ. ތޯއިފްވެސް ކުއާޓާރ ފައިނަލްގައި ވާދަަކުރަންޖެހުނީ މުބާރާތުގެ އެއްވަނައަށް ސީޑް ކުރެވިފައިވާ އިންޑިޔާގެ ސްރީކާންތްއާއެވެ. މި މެޗުން ތޯއިފް ބަލިވީ ސީދާ ދެ ގޭމުންނެވެ.މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދި އަނެއް ދެ ކުޅުންތެރިންނަކީ އާމިނަތު އަޙުމަދު ދީދީ އަދި މައިޝާ ފަތުޙުﷲ އިސްމާއިލްއެވެ. އަންހެން ޑަބަލްސް އިވެންޓްގެ ގަދަ އަށެއްގައި މި ދެކުޅުންތެރިން ނިކުތީ ޕާކިސްތާންގެ ޚިޒްރާ އަދި ސިދްރާގެ ޕެއާރ އާއި ދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗުން ދިވެހި ޕެއާރ ބަލިވީ ދެ ގޭމުންނެވެ.މުބާރާތުގައި ދިވެހި ޓީމް ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގައިވެސް ވާދަކުރިއެވެ. އެހެންނަމަވެސް މި އިވެންޓުން ދިވެހި އެއްވެސް ޕެއަރ އަކަށް ގަދަ އަށަކުން ޖާގަ ލިބޭ ގޮތެއް ނުވިއެވެ. އެހެންކަމުން މިފަހަރުގެ ސައުތް އޭޝިއަން ގޭމްސް ދިވެހި ބެޑްމިންޓަން ޓީމްވެސް ނިންމާލަން މި ޖެހުނީ ހުސްއަތާއެވެ.