މިސްރުގެ ކައިރޯގައި މި މަހުގެ 12 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ފެޑެރޭޝަން (އައިއެސްއެސްއެފް) ވޯލްޑް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޝޫޓިންގ ޓީމާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެ ދެ ބޭފުޅުން ޝޫޓިންގ ޓީމަށް ހިތްވަރުދެއްވައި ރަނގަޅު ކާމިޔާބީއަކަށް އެދިވަޑައިގެންނެވިއެވެ. އަދި، ޝޫޓިންގ ޓީމްގެ ފަރިތަކުރުންތަކަށް ރޭންޖެއްގެ ދަތިކަން ހުރުމާއެކު އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގައި ޝޫޓިންގ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިމަހުގެ 9 ވަނަ ދުވަހު މިސްރަށް ފުރުމަށް ހަމަޖެހިފައިވާ ޝޫޓިންގ ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުންނެވެ. އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަން ޝިޕްގައި ބައިވެރިވާ ޝޫޓަރުންނަކީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާނާއި، ލާންސް ކޯޕްރަލް ޒިޔާން ޒިޔާއުގެ އިތުރުން ލާންސް ކޯޕްރަލް އާސިފާ ޖައުފަރެވެ.
ސްޓާފް ސާޖަންޓް ޝަރަފިއްޔާއާއި ލާންސް ކޯޕްރަލް އާސިފާ އެ މުބާރާތުގައި ވާދަކުރަނީ އަންހެނުންގެ 10 މީޓަރ އެއަރ ރައިފަލް އިވެންޓުގައެވެ. މީގެ އިތުރުން ލާންސް ކޯޕްރަލް ޒިޔާން ބައިވެރިވަނީ 10 މީޓަރ އެއަރ ރައިފަލް އިވެންޓުގައެވެ. މި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ވޮރަންޓް އޮފިސަރ 1 ޙަސަން ޢަބްދުލްޣަފޫރެވެ. އަދި ކޯޗެއްގެ ގޮތުގައި ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު ސިރާޖުވެސް މި ޓީމުގައި ހިމެނެއެވެ.