ކުޅިވަރު

ގަތަރު މުބާރާތަކީ އަހަރެންގެ ފަހު ވޯލްޑް ކަޕް: މެސީ


އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ވެގެންދާނީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މެސީ ވަނީ ހަތަރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ ތަމްސީލްކޮށްދީފައެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ ވާރލްޑްގައި 19 މެޗް މިހާތަނަށް ކުޅެ 6 ލަނޑު ޖަހާފައެވެ. އޭނާއަށް މިމުބާރާތުގައި ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ މުބާރާތުގައި ފައިނަލްގައި ކުޅުމެވެ. އެފަހަރުގެ ފައިނަލްގައި އާޖެންޓީނާވަނީ ޖަރުމަނުވިލާތް އަތުން ބަލިވެފައެވެ.

މެސީ ހާމަކުރިގޮތުގައި ވާރލްޑް ކަޕަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވެުންދާކަމަށެެވެ. އަދި މިމުބާރާތް އަވަހައް އަންނަން ބޭނުންވާކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ. މެސީ ހާމަކުރިގޮތުގައި ވާރލްޑް ކަޕެއްގައި ކޮންމެ ގޮތަކަށްވެސް ނަތީޖާ ހިނގައިދާނެކަމަށެވެ. ހުރިހާ މެޗަކީވެސް ވަރަށް އުނދަގޫ މެޗްތަކެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިފަހަރުގެ މުބާރާތުގައި އާޖެންޓީނާއަކީ ފޭވަރިޓުންނަން ވާނެކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އާޖެންޓީނާ ޤައުމީ ޓީމްގެ ތާރީހަށް ބަލާފައި އެޓީމަކީ ކޮންމެ ފަހަރެއްގައި މުބާރާތުގެ ތަށި ކާމޔާބު ކުރާނެކަމަށް ބުނާ ޓީމްތަކުގެ ލިސްޓަށް އަރާ ޓީމެއް ކަމަށެވެ. އަދި މިވަގުތު ޓީމް އޮތް ފޯމަށް ބަލާއިރު މީހުން އެހެން ބުނެފާނެކަމަށާއި ނަމަވެސް އޭނާ ގަބޫލް ކުރާގޮތުގައި އާޖެންޓީނާއަކީ މިފަހަރުގެ ފޭވަރިޓުން ނޫން ކަމަށެވެ. އާޖެންޓީނާއަށް ވުރެ ވަރުގަދަ ޓީމްތައް މިފަހަރުގެ މުބާރާތުގައި ހިމެނޭ ކަމަށް މެސީ ހާމަކުރިއެވެ.

މެސީ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އަދި މިހާތަނަށްވަނި 164 މެޗް ކުޅެދީ 90 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިފަހަރުގެ ވާރލްޑް ކަޕްގައި އޭނާ ކުޅެފިނަ އާޖެންޓީނާގެ އާ ރިކޯޑެއް ގާއިމް ކުރެވޭނެއެވެ. މީގެކުރިން ވާރލްޑް ކަޕްގައި އެންމެ ގިނަ ފަހަރު އާޖެންޓީނާ ތަމްސީލް ކުރެވިފައިވަނީ ހަތަރު ފަހަރުއެވެ. އެއީ މެސީގެ އިތުރުން ޑިއޭގޯ މަރަޑޯނާ އާއި ހޭވިއޭ މަޝަރާނޯއެވެ.