ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ބޮރުޝިއާ ޑޯޓްމުންޑުން ކާމިޔާބުކޮށްފިއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް ޑޯޓްމުންޑް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ކާމިޔާބު ކޮށް ލީޑު ނެގީ ޑޯޓްމުންޑުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރަފައެލް ގުއެރެއިރޯއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާދިނީ ޑޯޓްމުންޑްގެ ޒުވާން ކެޕްޓަން ޖޫޑް ބެލިންގހަމްއެވެ. އަދި އެޓީމުންވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ލަނޑުގެ ލީޑެއްވެސް ނަގާފައެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހާދިނީ ކަރިމް އަޑެޔެމީއެވެ. މިމެޗްގައި ސެވިއްޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޔޫސުފް އެން ނެސީރީ އެވެ. މިމެޗްގައި ޑޯޓްމުންޑްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހާދިނީ ޖޫލިއަން ބްރަންޑްޓްއެވެ.
މިމެޗް ނިމުނުތާ އެއް ގަޑިއިރުވެސް ނުވަނީސް ސެވިއްޔާއިން ވަނީ އެޓީމްގެ ކޯޗް ޖޫލެން ލޮޕެޓެގުއި މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައި މިވަނީ ތިން އަހަރު ދުވަހު އެމަގާމްގައި ހުރި ފަހުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފައެެވެ.
މިކާމިޔާބީއާއެކު ޑޯޓްމުންޑް މިހާރު އުޅެނީ ކުޅުނު ތިންމެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ސެވިއްޔާ އުޅެނީ އެއް ޕޮއިންޓާއެކު ތިންވަނައިގައެވެ.