ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ޝަޚްތާރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރޮޑްރިގޯއެވެ. އަދި ވިނީޝިއަސް ޖޫނިއަރ ވަނީ މެޗްގެ 28 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްފައެވެ.
މިމެޗުގައި ޝަކްޓާރއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލެކްސަންޑަރ ޒުބްކޯވްއެވެ. މިލަނޑާއެކު އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ ޝަކްޓަރއިން ބެލި ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ރެއާލް އިން މިވަނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ. އަދި ޝަކްޓަރ އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މިގްރޫޕްގައި އާރްބީ ލިޕްޒިގް އާއި ސެލްޓިކް ބައްދަލުކުރިމެޗް 3 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ލިޕްޒިގްއެވެ.