ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ތެރެއިން މިމަހު މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ތަނބުތަކުގެ މަސައްކަތްކަމަށް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓާއި ހަވާލުވެހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވެއްޖެއެވެ.
މާލެ ވިލިމާލެ ތިލަފުށި އަދި ގުޅީފަޅު ގުޅާލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގައެވެ.
ތިލަމާލެ ބުރިޖު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލް ޕިއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން ޖިނާން ވިދާޅުވީ މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ އެއްގަމުގައި ހަދާ ތަނބުތަކުގެ މަސައްކަތް ކަމަށެވެ. މީގެއިތުރަށް މި މަސް ތެރޭގައި މޫދު ތަނބުތަކުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މަސައްކަތްކުރަނީ މަސް ނިމެންވާއިރަށް އެއް ތަނބުގެ މަސައްކަތް ނިންމާލުމަށްކަމަށް ޖިނާން ވިދާޅުވިއެވެ.
ޖިނާން ވިދާޅުވި ގޮތުގައި މި މަސައްކަތް ފަށާފައި ވަނީ މާލެ ކޮޅުންނެވެ. މާލެ އަތޮޅުގެ ހަތަރު ރަށެއް ގުޅާލެވޭ ގޮތަށް އޮތް މި މަޝްރޫއުގެ ޕްލޭންގައިވާގޮތުން ފުރަތަމަ ގުޅާލަނީ މާލެ އާއި ވިލިމާލެ އަދި ގުޅީފަޅެވެ. އެގޮތުން އަންނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިމި 2024 ވަނަ އަހަރު ތިލަފުއްޓަށް ގުޅާލާ ނިމޭނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.
ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަޙައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.
ބުރިޖުގެ މަސައްކަތް ފަށައި މާ ގިނަ ދުވަހެއް ނުވަނީސް އެ މަސައްކަތަށް ހެދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ދެ ހަފްތާ ވަންދެން މަސައްކަތް މަޑު ޖެހިފައި އޮތްކަން ފާހަގަކުރައްވާ ޖިނާން ވިދާޅުވީ ޕްލެޓްފޯމް ފަރުމަތިން ނަގައި މަސައްކަތް އަނެއްކާވެސް ކުރިއަށްދާއިރު، އެކަމުގެ ސަބަބުން ބުރިޖުގެ މަސައްކަތަކަށް އެއްވެސް ލަސްކަމެއް އައިސްފައި ނުވާ ކަމަށެވެ.
ބްރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމަން އަމާޒު ހިފާފައިވާއިރު، މި މަޝްރޫއުގެ ދަށުން ތިން ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެ އިތުރަށް ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.
މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ޑެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުންކުރާނީ އިރުގެ ހަކަތައެވެ. އަދި ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.
މި މަޝްރޫއަކީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އަދި މީގެތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާގެ އެހީއެވެ.
ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިޤްތިޞާދީގޮތުން ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލައި، އިޤްތިޞާދީ ބޮޑު ހަބަކަށް މި ސަަރަޙައްދު ހެދުމެވެ. މިހާރު އެއްބަސްވުން ޤާއިމުކޮށްފައި އޮތީ ތިލަފުއްޓާއި ހަމައަށް ބްރިޖުން ގުޅާލުމަށެވެ.
ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަން ހާމަކުރައްވާފައެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެއެވެ.