ސިއްހަތު

ހެލްތް އެކްސްޕޯގައި ބައިވެރިވާ ފަރާތްތައް މާދަމާ މާލެ އަންނަނީ


އިންޑިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ހެލްތް
އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން މާދަމާ މާލެ އަންނަން ފަށާނެކަމަށް އިންޑިއާ
ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން
އިންތިޒާމްކުރައްވައިގެން ޞިއްޙީ
ދުޅަހެޔޮކަމާގުޅޭ ހަފްތާގައި ކުރިއަށް ގެންދާ ހެލްތް އެކްސްޕޯގައި ބައިވެރިވާ އިންޑިއާގެ
މަޝްހޫރު 18 ހޮސްޕިޓަލަކުން ބައިވެރިވާ ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތައް
މާދަމާގެ ވަގުތެއްގައި މާލެ އަންނަން ފަށާނެކަމަށް އިންޑިއަން ހައިކޮމިޝަނުން
މައުލޫމާތުދެއްވައެވެ.



މި އެކްސްޕޯގެ
އިތުރަށް ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގައި އިންޑިޔާގެ ބެންގަލޫރުގެ އެންޔޫ
ހޮސްޕިޓަލާއި، މުމްބާއީ ހޮސްޕިޓަލެއްގެ 3 ދާއިރާއެއްގެ ސުޕަރ ސްޕެޝަލިސްޓް
ޑޮކްޓަރުން އައިޖީއެމްއެޗްގައި ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފެބްރުއަރީ 14 އިން 18 އަށް އެކި ދުވަސްތަކަށް ބަހާލައިގެން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު މިކޭމްޕްގެ ތެރޭގައި
ލިބިގެންދާނެކަމަށް އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެއެވެ.



މިއެކްސްޕޯގައި
ޑޮކްޓަރުން ބައިވެރިވެ މައުލޫމާތު ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަގުތުން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ
އެޕޮއިންޓްމަންޓް ހެދުމާއި ހޮސްޕިޓަލްތަކުން ލިބެން ހުންނަ ފަރުވާތަކުގެ މަޢުލޫމާތާއި
ސިއްޚީ ޚިދުމަތް ހޯދުމުގައި ޑިސްކައުންޓް ޕެކޭޖްތަކެއް ލިބިގެންދާނެ ކަމަށް
އިންޑިއަން ހައިކޮމިޝަނުން މައުލޫމާތުދެއްވައެވެ.



ހެލްތް އެކްސްޕޯ ހުޅުވުމުގެ
ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއެކްސްޕޯ
ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށްް ދަރުބާރުގޭގައި
ކުރިއަށްދާނެއެވެ.