ޚަބަރު

ހަންޏާމީދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިމި، ރައްޔިތުންނަށް އުފާވެރިކަން


އދ.ހަންޏާމީދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިމި ޚިދުމަތް ޓެސްޓުކޮށް ނިންމާލައިފިއެވެ.

މިމަޝްރޫޢަކީ ސަރުކާރުން ޑައިރެކްޓް ނެގޯޝިއޭޝަންގެ ދަށުން އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

އދ.ހަންޏާމީދޫ ފެންފަށަލަ ހަލާކުވެ ރައްކާތެރި ބޯފެން ނުލިބުމުގެ ކަންބޮޑުވުމަށް ޙައްލެއް ގެނައުމަށް އެރަށުގައި ފެނުގެ ނިޒާމެއް ޤާއިމުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. ކޯވިޑްގެ ސަބަބުން މިމަސައްކަތްކުރުމަށް ބޭނުންވާ ގިނަ ސާމާނު ރާއްޖެއިން ބޭރުން ގެނައުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ މަސައްކަތް ލަސްވިއެވެ. އެހެންނަމަވެސް އެރަށު ހަންޏާމީދޫ ފެނުގެ މަސައްކަތް ނިންމައި އެމްޑަބްލިއުއެއްސީއިން މިހާރުވަނީ ޓެސްޓުވެސްކޮށްފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީއިން ވިދާޅުވީ ހަންޏާމީދޫ ފެނުގެ ނިޒާމު ކޮމިޝަންކޮށް ޓެސްޓުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ސްޓެލްކޯގެ އިތުރުން އެމްޑަބްލިއުއެސްސީގެ ޓީމުތައް އެރަށަށް ގޮސްގެންކަމަށެވެ. މީގެއިތުރުން އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ކޮށްފައެވެ.

ހަންޏާމީދޫގައިވަނީ 6.020 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ޤާއިމުކޮށްފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެރަށުގައި އާރްއޯ ޚިދުމަތްދޭނެ ޢިމާރާތާއި، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބަހައްޓާ ފެން ރައްކާކުރުމަށް 3 ތާނގީ ވަނީ ބަހައްޓާފައެވެ. އެރަށުގެ ގޭބިސީތަކަށް މިހާރުވަނީ ފެން މީޓަރު ބަހައްޓާ، ކަނެކްޝަން ގުޅައިދީފައިކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ފެން ތަޙުލީލުކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީއިންވަނީ އެރަށަށް ފޯރުކޮށްދީފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 21.65 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ.

މިމަޝްރޫޢާއެކު ހަންޏާމީދޫގައި ހަލާކުވެފައިވާ ފެންފަށަލައިގެ މައްސަލަ ޙައްލުވެ، ރައްކާތެރި ސާފު ބޯފެން ލިބި، އެރަށުގައި ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތައް އިތުރަށް ފުޅާކުރެވި ރަށަށް އިޤްތިޞާދީ ނަފާލިބިގެންދާނެކަމަށް އެރަށު ކައުންސިލުން އުންމީދުކުރެއެވެ.