ދުނިޔެ

އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަކަތައިގެ ޕްރޮގްރާމް ފުޅާކޮށްފި


އުތުރު ކޮރެއާގެ ނިއުކުލިޔަރ ހަކަތަ ޕްރޮގްރާމް ފުޅާކޮށް، އެޤައުމުގެ މައި ނިއުކްލިއަރ ފެސިލިޓީގައި ހުރި ޕްލުޓޯނިއަމް ރިއެކްޓަރއެއް އަލުން ޖައްސާފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ. އެމެރިކާގެ ސެނެޓް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖާސޫސީ އިދާރާގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ ވިދާޅުވީ ޕިޔޮންޔަންގްއިން ވަރަށް ވަރުގަދައަށް ނިއުކްލިއަރ ހަކަތަ ފައްކާކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އުތުރުކޮރެޔާއިން އާދީއްތަ ދުވަހު ވަނީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ޓެސްޓްކޮށްފައެވެ. މިއީ ސެޓަލައިޓެއް އޯބިޓްގައި ބެހެއްޓުމަށްޓަކައި ފަޒާއަށް ފޮނުވާލި ރޮކެޓެއްކަމަށް އުތުރުކޮރެޔާގެ ސަރުކާރުން ބުނިނަމަވެސް، އެގައުމުން ފޮނުވާލާފައިވަނީ ދިހަ ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއްކަމަށް ޖަޕާނާއި، ދެކުނުކޮރެޔާއިން ބުނެއެވެ. މިއީ އެމެރިކާގެ ބައްރަށްވެސް ފޯރާފަދަ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލެއްކަމަށް ވަނީ ބެލެވިފައި. އުތުރުކޮރެޔާއިން ދާދިފަހުން ވަނީ ހައިޑްރިޖަން ބޮމެއްވެސް ޓެސްޓްކޮށްފައެވެ. މި ޓެސްޓާ ގުޅިގެން އެމެރިކާއާއި، ޖަޕާނާއި ދެކުނު ކޮރެޔާއިން ވަނީ އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. ޖަޕާނާއި ދެކުނު ކޮރެޔާއާ އަދި ހުޅަނގުގެ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މިދިޔަ ހަފްތާގެ އުތުރުކޮރެޔާއިން ކުރި މިސައިލް ޓެސްޓުގައި ބޭނުންކޮށްފައިވަނީ ކުރިން އެޤައުމުން ޓެސްޓްކޮށްފައިވާ ބާވަތުގެ ބެލިސްޓިކް މިސައިލެކެވެ. މި ޓެސްޓާ ގުޅިގެން އެމެރިކާއާއި ޖަޕާނާ އަދި ދެކުނު ކޮރެޔާއިން ވަނީ އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ނަމަވެސް މިކަމާބެހޭގޮތުން ބޭއްވި ސަލާމަތީ މަޖިލީހުގެ ޖަލްސާއިން އުތުރުކޮރެޔާގެ މިޢަމަލު ކުށްވެރިކުރުން ފިޔަވައި އެހެން ކަމެއް ކޮށްފައެއް ނުވެއެވެ.