ވ.އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާއި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ބައެއް ހެކިންގެ ހެކިބަހާއިމެދު ސުވާލު އުފައްދައި ދޮގުހެކި ދީފައިވާކަން ސާބިތުކޮށް ދިނުމަށް ދައުލަތުން އާހެކިތަކެއް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވިކަމަށެވެ.
މިމައްސަލާގައި ހެކިންގެ ހެކިބަސް ނިމިފައިވަނިކޮށް ދައުލަތުން ވަނީ މިއަދު ބޭއްވި އަޑުއެހުމަށް ދިފާއީ ބައެއް ހެކިވެރިން ދޮގު ހެކިބަސް ދީފައިވާކަން ސާބިތުކުރުމަށް އާ ހެކިތަކެއް ހުށަހަޅާފައެވެ. ދައުލަތުގެ ފަރާތުން ވިދާޅުވީ މިމައްސަލާގައި ދިފާއުން ހެކިހުށަހެޅިއިރު ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އެސަބަބުތަކާއި ދެކޮޅަށްވެސް ހެކިލިބިފައިވާކަމަށެވެ.
އެގޮތުން މިމުއާމަލާތާއި ގުޅޭ ބައެއްކަންކަން ކުރިއަށްދިޔަ އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކިވެރިވެރިޔަކު ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ އީވައިސީގެ ޔައުމިއްޔާ ހުށަހަޅާފައެވެ. އަދި މިމައްސަލާގައި ދިފާއުން ހުށަހެޅި ހެއްކެއްގެ ވަޒީފާގެ ހާޒިރީ ރެކޯޑުވެސް ދައުލަތުން ވަނީ ހުށަހަޅާފައެވެ.
ހެކިބަސް ނަގާ ނިމުނުފަހުން ދައުލަތުން ހެކިތަކެއް ހުށަހެޅުމާއި ގުޅިގެން ދިފާއީ ވަކީލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ދައުލަތުން ހެކި ހުށަހަޅަންޖެހޭނީ ދައުވާ ފޯމާއި އެކުގައިކަމަށާއި، ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ހެކި ހުށަނޭޅޭނެ ކަމަށް ވަނީ ބުނެފައެވެ.
ދިފާއީ ވަކީލުންގެ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ހެކިތައް ކުރިން ހުށަނޭޅީ ދިފާއީ ހެކިންގެ މައުލޫމާތު ދައުލަތުން ކޯޓަށް އެމައްސަލަ ފޮނުވިއިރު ނޭގޭތީކަމަށެވެ. މިމަރުހަލާގައިވެސް ހެކި ހުށަހެޅޭނެކަން ޖިނާއީ އިޖުރާތު ޤާނޫނުގައި ބުނެފައިވާކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.
މިއަދުގެ އަޑު އެހުމުގައި ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު މިމައްސަލަ ބައްލަވާ ޤާޟީ ޝަކީލް ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ.