ކުޅިވަރު

ނާޕޮލީން ފަހަތުން އަރައި އަޔަކްސް ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ނާޕޮލީން ފަހަތުން އަރައި ބޮޑު ތަފާތަކުން އަޔަކްސް ބަލިކޮށްފިއެވެ.

އަޔެކްސްގެ ދަނޑުގައި ކުޅުނު މިމެޗް ނާޕޮލީން ކާމިޔާބުކުރީ ފަހަތުން އަރައި 6-1 ގެ ނަތީޖާއަކުންނެވެ.

ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އަޔެކްސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު ކުޑޫސްއެެވެ.

އެކަމަކު މެޗްގެ 18 ވަނަ މިނެޓްގައި ޖިއަކޯމޯ ރަސްޕަޑޯރީ ޖަހާދިން ލަނޑާއެކު ނަޕޯލީއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗްގައި ނަޕޯލީއިން ލީޑު ނަގާފައިވަނީ މެޗްގެ 33 ވަނަ މިނެޓްގައި ޖިއޮވާނީ ޑި ލޮރެންޒޯ ޖަހާދިން ލަނޑުންނެވެ. މިމެޗްގައި ނަޕޯލީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ.

މިމެޗްގައި ނަޕޯލީގެ ހަތަރުވަނަ ލަނޑު ޖަހާދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރަސްޕަޑޯރީއެވެ. އަދި ފަސްވަނަ ލަނޑު ރަސްޕަޑޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޙިވިޗާ ކްވަރަޓްސްޙޭލިއާއެވެ. އަޔެކްސްއަށް މިމެޗްގައި ކުރިމަތިވަމުންދިޔަ މައްސަލަތައް އިތުރަށް ގޯސްވީ 73 ވަނަ މިނެޓްގައި ޑުސާން ޓަޑިޗްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކަޑު ދެއްކުމުންނެވެ. އެހެންކަމުން މެޗްގެ ބާކީ އޮތް ބައި އަޔެކްސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ނަޕޯލީއިން މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދީފައިވަނީ ޖިއޮވާނީ ސިމިއޯނީއެވެ.

މިކާމިޔާބީއާއެކު ނަޕޯލީ އުޅެނީ ގްރޫޕް އޭގެ އެއްވަނައިގައެވެ. އަދި މިހާތަނަށް ކުޅުނު ތިން މެޗް ކާމިޔާބުކޮށްގެން 9 ޕޮއިންޓް ހޯދާފައިވާއިރު މިހާތަނަށްވަނީ 13 ލަނޑުވެސް ޖަހާފައެވެ. އަޔެކްސް އުޅެނީ 3 ޕޮއިންޓާއެކު ތިންވަނައިގައެވެ.