ޚަބަރު

އެންމެފަހުން އުރުމިލާވެސް ވެބް ސީރީޒަކަށް


ބޮލީވުޑް ކުރީގެ ބަތަލާއިން ވެބް ސިރީޒްކުޅުން މިހާރަކަށް އައިސް ވަނީ އާންމުވެފައެވެ. އެގޮތުން ނީލަމް، ރަވީނާ، ސުޝްމިތާ، ކާޖޮލް އާއި ޖޫހީ ޗައުލާވެސް އަންނަނީ ވެބް ސީރީޒްތަކުގައި މަސައްކަތް ކުރަމުންނެވެ.

މި ލިސްޓަށް އިތުރުވެފައި މިވަނީ މިހާރު ފިލްމުތަކުން ނުފެންނަ ކުރީގެ ބޮލީވުޑް ބަތަލާ އުރުމިލާ މަޓޯންޑްކަރްއެވެ.

އުރުމިލާ ފެންނަ މި ސީރީޒްކި "ތިވާރީ" ގެ ނަން ދީފައިވާ ސީރީޒެކެވެ. މީގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، ފުރަތަމަ ޕޯސްޓަރުވެސް މިހާރު ވަނީ ދައްކާލާފައެވެ. ސޯރަބް ވަރުމާ ޑައިރެކްޓުކުރާ މި ސީރީޒަކީ ސީޒަންތަކަށް ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. މީގައި ކިޔައިދޭނީ މަޔަކާއި އަންހެން ދަރިއެއްގެ ވާހަކައެވެ.

"ތިވާރީ" ގެ ޕްރޮޑިއުސަަރުންނަކީ ޑރ. ރާޖް ކިޝޯރް ކަވާރޭ އާއި އުތުޕާލް އަޗާރިއާ އެވެ. ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ގެނެސްދޭން ޕްލެޓްފޯމެއް އަދި ހާމައެއްނުކުރެއެވެ.


އުރުމިލާ ޓައިޓުލް ރޯލު ކުޅޭ މި ސީރީޒްގައި އޭނާ ކުޅޭނީ ވަރަށް ތަފާތު ރޯލެކެވެ. އަދި އުރުމިލާގެ މި ބަދަލު ބެލުންތެރިން ޝައުގުވެރިކުރުވާނެ ކަމަށް ބެލެވެއެވެ.

ބަތަލާ އުރްމީލާ މަޝްހޫރުވެފައިވަނީ ސަތުޔާ، އެކް ހަސީނާ ތީ، ބޫތު، ރަންގީލާ، ކައުން އަދި ޕިންޖާ ފަދަ ފިލްމުތަކުގައި ސުޕަރލެޓިވް ޕަރފޯމަންސްތަކުންނެވެ.

ކެރިއަރުގެ ރަންޒަމާނުގައި އުރްމިލާ އަކީ ވަރަށް ރީތި އަދި އެހާމެ މަޤުބޫލު ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ބަތަލާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރަންގީލާ"، "ސަތިއާ"، ޕިންޖަރު"، "ބޫތު"، "ޖުދާއީ"، "ކޯން" އަދި "އޭކް ހަސީނާ ތީ" ހިމެނެ އެވެ.

މިހާރު އުމުރުން 48 އަހަރުގެ އުރްމިލާ ފިލްމަކުން އެންމެފަހުން ފެނިފައިވަނީ 2014 ވަނަ އަހަރު ރިލީޒްކުރި މަރާތީ ފިލްމު "އަޖޯބާ"އިންނެވެ. އަދި 2018 ވަނަ އަހަރު ނެރުނު ފިލްމު "ބެލްކްމެއިލް"ގެ ލަވައަކުން ސްޕެޝަލް އެޕިއަރެންސެއްގެގޮތުގައި އޭނާ ފެނުނެވެ.

ފިލްމީ ދާއިރާއިން ދުރުގައި ދުވަސްތަކެއްވަންދެން ހުރުމަށްފަހު ސިޔާސީ ދާއިރާގައިވެސް އުރުމިލާ މަސައްކަތްކޮށްފައިވެއެވެ. ފިލްމު ނުކުޅުނެއްކަމަކު އިންޑިއާގެ އެންޓަޓައިމެންޓް ޗެނަލްތަކުން ދައްކާ ރިއަލިޓީ ޝޯވތަކާއި މުބާރާތްތަކުން ގެސްޓެއްގެ ގޮތުގައިއާއި ޖަޖެއްގެގޮތުގައި އުރުމިލާ ފެނިގެންގޮސްފައިވެއެވެ.