ޚަބަރު

އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް ދަތުރެއްކުރަނީ


ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ގޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން އިންޑިޔާ ކަނޑުގެ ސިފައިންގެ މަނަވަރެއްކަމަށްވާ އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް ދަތުރެއްކުރުމަށް ހަމަޖެހިއްޖެއެވެ.އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް ކުރާ ދަތުރުގައި، އައި.އެން.އެސް މައިސޫރާ އައި.އެން.އެސް ދީޕަކް ބައިވެރިވާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ. މި މަހުގެ ފަނަރައިން އަށާރައަށް އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް ކުރާ ދަތުރަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އަސްކަރީ ގޮތުން ދެ ޤައުމުގެ ދެމެދުގައި ދެމުންދާ ފުރިހަމަ އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރެއްކަމަށް އިންޑިއާގެ ހައިކޮމިޝަނުން ސިފަކުރައްވައެވެ. މި ތިން މަނަވަރު ރާއްޖެއަށް ކުރާ މި ދަތުރަކީ، މި މަހުގެ ހަތަކުން ނުވައަކަށް އިންޑިއާއިން ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވުމަށްފަހު ކުރާ ދަތުރެކެވެ. އައި.އެން.އެސް ވިކްރަމަދިތްޔާއަކީ، އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެންމެ ފަހުން ޚިދުމަތާއި ގުޅުނު މަނަވަރެވެ. މިއީ، ދުއިސައްތަ އަށްޑިހަ ފަސް މީޓަރު ދިގު، ފަސްދޮޅަސް މީޓަރު ފުޅާ މި މަނަވަރު ބޭރު ޤައުމަކަށް ކުރާ ފުރަތަމަ ދަތުރެވެ. މި އުޅަނދާއިއިއެކު ރާއްޖެއަށް ދަތުރުކުރާ އައި.އެން.އެސް ދީޕަކްވަނީ ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހު މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާއާއި ގުޅިގެން ރާއްޖެއަށް ފެނުގެ އެހީ ހިފައިގެން އައި އުޅަނދެކެވެ. އައި.އެން.އެސް ވިކްރަމަދިތްޔާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު މި މަހުގެ ސޯޅަ އަދި ސަތާރަވަނަ ދުވަހު ޢާއްމުކޮށް ހުޅުވާލާފައިވާކަމަށް އިންޑިއާގެ ހައިކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.