ކުޅިވަރު

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އަންނަ ހަފުތާގައި ދެނީ


ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް އެކިގޮތްގޮތުން ދޭން ޖެހޭ ފައިސާ އަންނަ ހަފުތާގައި ދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ގެ ދައުވަތަކަށް މިދިޔަ އަހަރު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުޅުނު 1.2 މިލިޔަން ރުފިޔާގެ އަގުބޮޑު ފުޓުބޯޅަ މެޗުން ލިބުނު ފައިސާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބިފައިނުވާތީ ރާއްޖޭގެ ބައެއް މީޑިައާތަކުން ވަނީ އެ ފައިސާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕުގައި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ޖަވާ ވިދާޅުވީ އެ ފައިސާ ގެއްލިފައިނުވާ ކަމަށާއި، އަދި ވިލާ ޓްރެވަލް އެންޑް ޓުވާސްއިން ލިބެން ޖެހޭ ފައިސާ ފިޔަވައި ދެން ހުރި ފައިސާ ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކުޅުނު އެންމެ އަގުބޮޑު އެއް މެޗަކީވެސް އެ މެޗެވެ. އެ މެޗަށް އުއްޗުގެ ކުރެއްދޫގެ ފަރާތުން ފަސް ލައްކަ ރުފިޔާ ހުށަހެޅިއިރު، އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި, ދިރާގުން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން އެއް ލައްކަ ރުފިޔާ ވަނީ ހުށަހަޅާފައެވެ.

ޖަވާ ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެފްއޭއެމަށް 1.1 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އެ ފައިސާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބަހާލާފިނަމަ ކޮންމެ ކުޅުންތެރިއަކަށް އަދި އޮފިޝަލަކަށް 40000 ރުފިޔާ ލިބޭނެއެވެ.

އެފްއޭއެމުގެ ފައިސާގެ މައްސަލަތައް މިފަހުން އާންމުވެފައި މިވަނީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ސިމާއޯ ކޮސްޓާ، ސޯޝަލް މީޑިއާގައި ފާޅުގައި އެފްއޭއެމަށް ފާޑުކިޔަން ފެށުމާ ގުޅިގެންނެވެ.