ރާއްޖޭގެ ޤައުމީ ވެކްސިން ނިޒާމު ޑިޖިޓަލައިޒްކޮށް ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްއެވެ.
އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކޮށް ރާއްޖޭގެ ޤައުމީ ވެކްސިން ނިޒާމު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަސައްކަތް ކާމިޔާބުކުރުމަށް ކުރި މަސައްކަތުގައި 7 މަސްދުވަހުގެ ތެރޭގައި 7000 އަށްވުރެ ގިނަ ކުޑަކުދިންގެ ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއްވަނީ މި ރަޖިސްޓްރީގައި ހިމަނާފައިކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.
އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ މިއީ ރާއްޖޭގެ ސިއްޙީ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ނިންމާލެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މިހާހިސާބުން ކުޑަކުދިންގެ ވެކްސިން ކާޑު ގެއްލިގެން މީގެ ކުރިން ދިމާވަމުންދިޔަ ދަތިތަކަށް ޙައްލެއް އަންނާނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
"މިފަދަ ނިޒާމެއްގެ ބޭނުން އެންމެ ބޮޑަށް ވަޒަންކުރެވުނީ ކޯވިޑްގެ ވެކްސިންގެ ކަންކަން އިންތިޒާމުކުރުމުގެ ތެރޭގައި. ވެކްސިންއަކީ ރަނގަޅަށް ބެލެހެއްޓިގެން ކުރެވުނު މަސައްކަތަކަށްވުމުގެ ސަބަބުން ރާއްޖެ ހުޅުވާލާ އަނެއްކާ ޤައުމު ހިންގުމުގެ މަސައްކަތް ފަށައިގަނެވުނީ. ހަމައެއާއެކު މިސިސްޓަމާއެކު ވެކްސިން ނުދެވި ތިބޭ ކުދިންގެ މަޢުލޫމާތު އެނގި އެކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން މިހާރަށްވުރެ ފުރިހަމަ ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ މަޢުލޫމާތު މި ރެޖިސްޓްރީގައި ހިމަނާ ނިންމުމަށް ހެލްތު މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ރެޖިސްޓްރީ ސިސްޓަމްގެ މަސައްކަތަކީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ހެލްތު މިނިސްޓްރީއިން ވިދާޅުވީ މިއީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިންގެ އިތުރުން ސިއްޙީ ދާއިރާގެ ތަފާސްހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ތަޢާރަފްކުރެވުނު ޑިޖިޓަލް ރަޖިސްޓްރީއެއްކަމަށެވެ. ރާއްޖޭގެ ޤައުމީ ވެކްސިންގ ޕްރޮގްރަމްގެ މައިގަނޑު އަމާޒަކީ ވެކްސިންޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް ވެކްސިންދޭންޖެހޭ ވަގުތުތަކުގައި ވެކްސިން ފޯރުކޮށްދިނުމެވެ.