ކުޅިވަރު

ޒުވާން ގައުމީ ޓީމު އިންޑިއާ އަތުންވެސް ބަލިވެއްޖެ


ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުން އިންޑިއާ އަތުންވެސް ބަލިވެއްޖެއެވެ.

ފަސް ޓީމު ވާދަކުރާ މި ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ. އަދި ހޯމަ ދުވަހުގެރޭ އިންޑިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަންލާލް ޕެކާ ގުއެޓޭއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަލްމިންގްޗުއަންގާ ފަނާއެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ކުރިއަށްޖެހި އެޓޭކުކުރަން މަސައްކަތްކުރިއިރު، މެޗުގެ 59 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަމަންއެވެ. އިންޑިއާގެ ހަތަރުވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބޮބީ ސިންގްއެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އިންޑިއާގެ ފަހު ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފީނިކްސް އޮއިނަމްއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވި ކުވައިތެވެ. ދެވަނައިގައި ސައުދި އަރަބިއްޔާ އާއި ތިންވަނައިގައި އޮތް އިންޑިއާއަށް ތިން ޕޮއިންޓް ވަނީ ލިބެފައެވެ. ކޮލިފައިންގައި ބުދަ ދުވަހު ރާއްޖެ ކުޅޭނީ ސައުދީ އަރަބިއްޔާއާއެވެ.