ޚަބަރު

ޑިޖިޓަލް ޓެކްނޮލޮޖީން ލިބުނު ފަސޭހައާއެކު، ގެއްލުމާއި ނުރައްކަލަށްވެސް ސަމާލުވާންޖެހޭ: ނައިބު ރައީސް


ޑިޖިޓަލް ޓެކްނޮލޮޖީގެ ވަޞީލަތްތަކުން ދިރިއުޅުމަށް ލިބުނު ލުއިތަކާއެކު، އެއިން ލިބޭ ގެއްލުމާއި ނުރައްކަލަށްވެސް ސަމާލުވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިިހެން ވިދާޅުވީ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތު 2022" އިފްތިތާޙްކުރުމަށް ކްރޮސްރޮޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތު 2022" އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ އިންޓަރނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުންކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތަކަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއްކަމަށެވެ. މިގޮތުން، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޯވިޑް-19ގެ ޙާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އިންޓަރނެޓްގެ ތެރެއިން، އިޖުތިމާޢީ އެކި މަންސަތަކުގައި މީހުންނަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

"އަޅުގަނޑުމެންނަށް މިހުރިހާ ފަސޭހަތަކެއް ލިބޭއިރު، އަޅުގަނޑުމެން އެއާއެއްކޮށް އަންނަ ނުރަނގަޅު ކަންތައްތަކުގެ މަތިން އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެނގިވަޑައިގަންނަވާނެ ކޮންމެ ފަސޭހަކަމެއްގެ ތެރެއިންވެސް އާދޭ އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ކަންތައްތަކެއް. އޭގެ ތެރޭގައި އެހެންކަހަލަ އޮއިވަރުތަކެއްވެސް ހުރެދާނެ ކޮންމެ ކަމެއްގައިވެސް. އެކަންތައްތަކާ އަޅުގަނޑުމެން ރައްކާތެރިވުމަކީ ވަރަށް މުހިއްމުކަމެއް. މިއަދު މިފެށޭ ޕްރޮގްރާމް ވެގެންދާނީ އިންޓަރނެޓް ރައްކާތެރިގޮތުގައި ބޭނުންކުރުމަށް ބާރު އެޅުމަށް އެޅޭ ބިންގަލަކަށް" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި "އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް"، "ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން"، "ރެންސަމް ވެއަރ އާއި މަލްވެއަރއިން ރައްކާތެރިވުން" އަދި "އީ-ކޮމަރސްގެ ރައްކާތެރިކަން" ހިމެނެއެވެ.

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަށްގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 26 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާމަހެވެ. އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.