ހިންނަވަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަކީ ރަށުގެ ކުރިއެރުމާ ގުޅިފައިވާ އެންމެމުހިންމު އެއް މަސައްކަތެވެ. ހިންނަވަރުގެ ގިނަ މަގުތަކަކީ ހަނި މަގުތަކެކެވެ. ވިއްސާވެ ވާރޭވެހުން އިތުރުވާ ދުވަސްތަކުގައި ފެންބޮޑުވެ ރަށުގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަކީ ރައްޔިތުންނަށް ވަރަށް ކުރިމަތިވާ ވަރަށްބޮޑު ތަކުލީފެކެވެ. ޚާއްސަކޮށް ސްކޫލްކުދިންނަށް މިކަމުގެ ދަތިކަން ވަކިން ބޮޑެވެ. އެހެންކަމުން މަގުހެދުމުގެ މަޝްރޫއަކީ މިރަށަށް ވަރަށް މުހިންމު މަޝްރުޢެކެވެ.
ހިންނަވަރު މަގުތަކުގެ ޙާލަތު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް މަގު ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު މިވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ ބޮޑެތި ހުރިހައި މަގެއް ޒަމާނީ ފެންވަރަށް ހަދާނެއެވެ. މީގެ އިތުރުން ރަށުގެ ވަށަމަގެއް ހަދައި މަގުތަކަށް ހިތްގައިމު ބަދަލެއް ގެންނާނެއެވެ.
މިމަޝްރޫޢުގައި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ. ޖުމުލަ 17 މަސްދުވަހުގެތެރޭގައި މުޅި މަޝްރޫޢު ނިންމަންޖެހެއެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.
މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. މިހާރު ކުރަމުންދަނީ ފެންހިންދުމަށް ވަޅުލާ ހޮޅި ވަޅުލުމުގެ މަސައްކަތާއި ކާނުތައް ފެއްތުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން އެރަށުގައި ބިމަށް ވާރޭފެންހިންދާ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ.
މި މިމަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ހުސެއިން ޝާފީ ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ހަލުވިމިނަށް ބަލާނަމަ މި މަހުގެތެރޭގައި މަގުތަކުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި މިކަމަކީ ރައްޔިތުންނާ ގުޅިފައިއޮތް މުހިންމު މަސައްކަތެއްކަމަށާ، ހުރިހާ ރައްޔިތުންގެ އެދުމަކީވެސް މި މަސައްކަތް ނިމި ޒަމާނީ މަގުތަކެއްގެ އުފާ ލިބުންކަމަށް ޝާފީ ވިދާޅުވިއެވެ.
ހިންނަވަރުން ވާހަކަދެއްކި ޢާންމުން ބުނީ ރައްކާތެރި ފެންހިންދާ ނިޒާމެއް ނެތުމަކީ މިހާރު ހިންނަވަރުގެ މަގުތަކުގެ ޙާލަތު ގޯސްވާން ދިމާވާ މައިގަނޑު އެއް ސަބަބުކަމަށެވެ.
"މަގުތައް ޗަކަވެ ހިނގާ ބިގާވެ އުޅެން ވަރަށް އުނދަގޫތަކާ ކުރިމަތިވޭ. އަދި ސްކޫލް ކުދިންނަށްވެސް އޮތް އެންމެ ބޮޑު އުނދަގުލަކީ މިއީ. މިކަމަށް ހައްލު ލިބިޖެނަމަ އެތައްގޮތަކުން ފަސޭހަވެގެންދާނެ. އެކަމު މިހާރު އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފަށައިފި. މީވަރަށް ބޮޑު އުފަލެއް." ހިންނަވަރުން ވާހަކަދެއްކި ގިނަ މީހުންގެ ވާހަކަތައް ހުރީ މިހިނެވެ.
އާބާދީގައި ގާތްގަނޑަކަށް ފަސް ހާހެއްހައި މީހުން ދިރިއުޅޭ ހިންނަވަރު މަގުހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 122 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.