ވިޔަފާރި

ބ. އަތޮޅުގެ 7 ރަށެއްގައި "އަލުން ބަލުން" މާކެޓް ފަށައިފި


ބ. އަތޮޅުގެ 7 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިސްނަގައިގެން، ސޮނެވާ ނަމޫނާ ޖަމުއިއްޔާއާ ގުޅިގެން ރީސޭލް މާކެޓެއް ފަށައިފިއެވެ.

"އަލުން ބަލުން"ގެ ނަމުގައި ޕައިލެޓް ކުރެވެމުންދާ މި މާކެޓްގައި މާޅޮސް، ދަރަވަންދޫ، ކިހަދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫގެ ރައްޔިތުން ކުރިން ބޭނުންކޮށްފައި ހުރި ތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.

މި މާކެޓްގެ މަޤްސަދަކީ ރަނގަޅު ހާލަތުގައި ހުރި ބޭނުންކުރާ މުދާ އުކާލުމުގެ ބަދަލުގައި އަލުން ބޭނުންކުރުމުގެ ސަޤާފަތެއް އުފެއްދުމެވެ. މި ޕައިލެޓްގެ ތެރެއިން ސެކަންޑް ހޭންޑް މާކެޓެއް އުފެދި، ތަކެތި ބޭނުންކުރެވޭ މުއްދަތު އިތުރުކުރެވި، މި 7 ރަށުން އުފެދޭ ކުނި މަދުކުރެވިގެންދާނެއެވެ.

މި ރީސޭލް މާކެޓްގައި ބައިވެރިވާ ރަށްތަކުގެ ގޭބިސީތަކުން އުކާލާ ކުނީގައި ހިމެނޭ އަލުން ބޭނުންކުރެވޭ ޒާތުގެ ތަކެތި އެ ރަށެއްގައި އަންހެނުންގެ ކޮމެޓީން ފާހަގަކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށްފަހު ވިއްކުމަށްޓަކައި މި ޕްރޮގްރާމްގައި ބައިވެރިވާ އެހެން ރަށެއްގެ އަންހެނުންގެ ކޮމެޓީއަށް ފޮނުވާނެއެވެ. މިގޮތަށް އެހެން ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. މި ރީސޭލް މާކެޓްއިން ލިބޭ ފައިސަ ވެގެންދާނީ އެ ރަށްތަކުގެ އަންހެނުންގެ ކޮމެޓީތަކަށް ލިބިގެންދާ އާމްދަނީއަށެވެ.

ބ. އަތޮޅުގެ 7 ރަށެއްގައި މިދިޔަ ހޮނިހިރު ދުވަހު "އަލުން ބަލުން" މާކެޓް ވަނީ ލޯންޗްކޮށްފައެވެ. އޮކްޓޯބަރ 8 ވަނަ ދުވަހު މި މާކެޓްގެ 2 ވަނަ ބުރު އޮންނާނީ ކިހާދޫގައެވެ. އެއަށްފަހު ކޮންމެ ހޮނިހިރު ދުވަހަކު މި މާކެޓް ބ. އަތޮޅުގެ ސޮނެވާ ނަމޫނާ ރަށްތަކުގެ ތެރެއިން ރަށެއްގައި އޮންނާނެއެވެ. ބ. އަތޮޅުގައި ސޮނެވާ ނަމޫނާއާއިއެކު މަސައްކަތްކުރާ 7 ރަށަކީ މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫއެވެ.