ޚަބަރު

އައު ސިނާޢަތު ވުޖޫދަށް ގެނައި ބޭފުޅުންނަށް ރައީސްގެ ތަޢުރީފް!


ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރި ދުވަސްވަރު، މިކަމަކީ ރާއްޖޭގައި ކުރެވޭނެކަމެއްކަމަށް ދުނިޔެގެ ގިނަ ޤައުމުތަކުން ޤަބޫލެއް ނުކުރެއެވެ. އެހެނީ ރާއްޖެއަކީ ފަގީރު ޤައުމަކަށްވުމާއި، އުފެއްދުންތެރި ޤައުމަކަށް ނުވުމާއި، ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ނެތް ޤައުމަކަށް ވުމުންނެވެ. އަދި ރާއްޖޭގައި މެހެމާނުން ބައިތިއްބާނެ ތަންތަން ނެތްކަމަށް ބުނެ ރާއްޖޭގައި ފަތުރުވެރިކަން ތަޢާރފްކުރާތީ ދުނިޔޭގެ ބޮޑެތި ޤަޢުމުތަކުން އޭރު ކުރީ މާލާމާތެވެ.

އޭގެ ފަންސާސް އަހަރު ފަހުން އެ މަލާމާތްކުރި ޤައުމުތަކުގެ ޔުނިވާސިޓީތަކުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ވާހަކަތައް މިއަދު އެދަނީ ކިޔަވައިދެމުންނެވެ. ބޮޑެތި ޤައުމުތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް މިއަދު ނަމޫނާއެއްގެ ގޮތުގައިވެސް ބަލަނީ ރާއްޖެއެވެ. ރާއްޖެއަކީ މިއަދު ދުނިޔޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މަންޒިލެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި ސެލެބްރިޓީންގެ ހަނީމޫނުގެ ފުރަތަމަ ނަންޒިލަކީވެސް މިއަދު ރާއްޖެއެވެ.

މި އާދަޔާ ޚިލާފް ކާމިޔާބީގެ ވާހަކައިގެ ބަޠަލުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންނެވެ. އެ ބޭފުޅުންގެ ޚިދުމަތާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އަގުވަޒަންކުރުމަށް މީގެކުރިން މާބޮޑުކަމެއް ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މިސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތުގެ އަގުވަނަޒްކުރާތީ މިސިނާޢަތުގެ އިސް ބޭފުޅުން އަންނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަޢުރީފްކުރައްވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިަމަށް 50 އަހަރު ފުރުނު ރަން އަހަރު ފާހަގަކުރުމަށާއި، ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ޓުއަރިޒަމް އެވޯރޑްސް"ގެ ނަމުގައި، މިއަހަރު ތަޢާރަފްކުރި އެވޯޑަކުން، ފަތުރުވެރިކަމުގެ ބަޠަލުންގެ އަގު ވަޒަން ނުކުރެވޭނެކަމަށް ސިފަކުރައްވާފައެވެ. ޚާއްޞަކޮށް، ރާއްޖޭގައި އެއްގޮތަކަށްވެސް ނެތް މުޅިން އައު ޞިނާޢަތެއް ރާއްޖޭގައި އުފަންކުރެއްވި ބޭފުޅުން، އެކަމަށްޓަކައި އުފުއްލެވި ތަކުލީފާއި، ގިރާކުރެއްވި ހުރަސްތައް އަޅުގަނޑުމެންގެ ޚިޔާލަށް ވެސް ނުގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ޚިދުމަތްތެރި ބޭފުޅުންނަކީ، މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް، މުޙައްމަދު ޢުމަރު މަނިކު އަދި ޗަމްޕާ ޙުސައިން ޢަފީފް. އަދި މި ޙަފްލާގައި ނެތް ނަމަވެސް، އެ ތިން ބޭފުޅުންނަށް މިކަމުގައި މަގު ފަހިކޮށްދެއްވި ބޭފުޅަކީ، އިޓަލީ ވިލާތުގެ ޖޯޖް ކޯބިން. އެ ބޭފުޅުން މިހާރުވެސް އޭރުގެ ހަނދާންތައް އާކުރައްވާނެ. އެ ބޭފުޅުން އެކަން ފެށްޓެވި ދުވަސްވަރު، ހިންދު އެ މާ ކަނޑު ތެރޭ، މަލަ ފެހި ރުއްގަސް ހެދޭ، މިޖަޒީރާތަކަކީ، ދުނިޔޭގައި މާބޮޑަށް މަޝްހޫރު ތަނެއް ނޫން." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން އުފަންކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރަންޖެހެނީ، މިޖަޒީރާތައް ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަށް ހައްދަވައިދެއްވީތީކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މަޝްހޫރު ބްރޭންޑް ނަމަކަށް "މޯލްޑިވްސް" ހައްދަވައިދެއްވީވެސް އެބޭފުޅުންކަމަށާއި، އޭރު ދުނިޔޭގައި ނެތް މުޅިން އާ ކޮންސެޕްޓަކަށް، "ވަން އައިލޭންޑް، ވަން ރިސޯޓް" ކޮންސެޕްޓަށް ދިވެހި ފަތުރުވެރިކަން އުފަންކުރެއްވީވެސް އެބޭފުޅުންކަމަށް ވިދާޅުވެ ރައީސް ވަނީ އެ ބޭފުޅުންނަށް ތަޢުރީފް ކުރައްވާފައެވެ.

"ފަން ޖިފުޓިތަކާއި ދަނޑިފަންގެތަކުން ބޯހިޔާކުރި ދިވެހިން، އުސް ޢިމާރާތްތަކާއި ޒަމާނީ ގެތަކަށް ވައްދަވައިދެއްވީ ތިޔަ ބޭފުޅުން. މާ ބޮޑު ތަނަވަސްކަމެއް އޭރު ނެތް ދިވެހިންނަށް، ކޮންމެ މުނާސަބަތަކަށް ކަލަކޯޑުން ހެދުން އެޅުމުގެ ތަނަވަސްކަން ހޯއްދަވައިދެއްވީ ތިޔަ ބޭފުޅުން. ފުޅިބައްތި އާއި ފަސްލޭނުބައްތި އަދި ފާނޫޒުން އަނދިރިކަން ފިލުވި ދިވެހިން، ކަރަންޓުގެ އަލިކަމާއި ލުއިފަސޭހަކަމުގެ ތެރެއަށް ނެރެދެއްވީ ތިޔަ ބޭފުޅުން. ރިޔަލާއި ފަލީގައި، ދިވެހި މަސްކަނޑުތަކުގެ ގަދަ އޮއިވަރުގައި، ކަނޑުފަޅު ފީނަމުން ދިޔަ ދިވެހިން، އިންޖީނުގެ ހަލުވި ދުވެލީގައި ރާއްޖެ އޮބައި ގޮސް، މާ ދުރުން ހައްސަ ބާނައިގެން އެ ލަފަނީ، ހަމަ ތިޔަ ބޭފުޅުންގެ މިންނެތް މަސައްކަތުގެ ސަބަބުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް ރާއްޖޭގެ އެއްނަންބަރު ސިނާއަތަށް ވެގެން ދިޔައީވެސް އެބޭފުޅުންގެ މަސައްކަތުންކަމަށް ވިދާޅުވިއެވެ.

"އެދުވަސްވަރު ރާއްޖޭގެ މައިގަނޑު އެކްސްޕޯޓަކީ ކުފުރާ އާއި ރޯނާއި ބޮލި. ކަށިކުނޑި އާއި ކަނޑުމަހުގެ ބާވަތްތައް. ފައްލަވަކުރި ހިކި މަހާއި ސީރާކުރި ލޮނުމަސް. އޭރު ދިވެހިންގެ މައިގަނޑު ވިއަވަތި ބިނާވެފައި އޮތީ ކަނޑުފަޅުގެ ރޯދީގެ މައްޗަށް. މިއަދު އެކްސްޕޯޓްކުރަނީ ހަމައެކަނި ހިކިމަހާއި ލޮނުމަހެއް ނޫން. ރޯމަހާއި، ދަޅުގައި ބަންދުކުރި މަހާއި، ދިރޭ މަސް ވެސް ރާއްޖޭން އެކްސްޕޯޓް އެބަ ކުރޭ. މިނޫނަސް ދިވެހިވަންތަ އަމިއްލަ އެތައް އުފެއްދުމެއް ބޭރުގެ ކަރަތަކަށް މިއަދު އެބަ ބޭރުކުރެވޭ. މިއަދު އަޅުގަނޑުމެން، އާދެ، މުޅި ރާއްޖެ ތިޔަ ބޭފުޅުންނަށް ޝުކުރު އަދާކުރަންޖެހެނީ، މިދެންނެވި ހަލުވި ދުވެލި ރާއްޖޭގެ އިޤްތިޞާދަށް ގެނެސްދިން މައި އިންޖީނަކަށް ފަތުރުވެރިކަން ހައްދަވައިދެއްވީތީ."

ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަކަށް ވެގެން ދިޔައީ، އެ ބޭފުޅުންގެ އިތުރުން ވެސް، ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުންކަމަށް ވިދާޅުވެ ރައީސް ވަނީ ފަތުރުވެރިކަމުގެ ސިޏާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖެއަކީ ކަނޑު ބޮޑު، ބިން ކުޑަ ޤައުމެއް. ނަމަވެސް ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ދެ މުރިނގަށް ފެތުރި ހަމަ އިސްކޮޅަށް ދެމިލައިފި. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮޓެލް ޗެއިންތަކުގެ ރިސޯޓްތައް މިހާރު ރާއްޖޭގައި އެބަހުރި. އެންމެ އަގު ބޮޑު ކޮޓަރިތައް އެބަހުރި. އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް އެބަ ދެވޭ. ބައިނަލްއަޤުވާމީ އެވޯޑަކަށް ފަހު އެވޯޑެއް، ދިވެހި ރިސޯޓްތަކުން އެބަ ހޯދާ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދިޔައިރު، ފަތުރުވެރިކަމުގެ ދާއިރާގެ އަގު އެންމެ ބޮޑަށް ވަޒަންކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، ބޭފުޅުންވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ފަންސާސް އަހަރުގެ ފަތުރުވެރިކަމުގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ ޝަރަފް ރާއްޖެއަށް ވިދިވިދިގެ ދެ އަހަރު ލިބުމެވެ.