ޚަބަރު

ޕާކިސްތާންގެ ޝުކުރު ދިވެހިންނަށް، ޓެލެތޯނުން އެކަނި 2.8 މިލިއަން ރުފިޔާ


ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭއްވި "ހެލްޕް ޕާކިސްތާން" ޓެލެތޯން ނިންމާލިއިރު 2.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 8 އިން ރޭ މެންދަމު 12އާއި ހަމައަށެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ މި ޓެލެތޯނަށް 2.8 މިލިއަން ރުފިޔާ ލިބުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ދީލަތިކަމެއްގެ ގޮތުގައި ޕާކިސްތާން ހައިކޮމިޝަނުން ވަނީ ސިފަކޮށްފައެވެ.


ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުނީ، 2.8 މިލިއަން ރުފިޔާއަކީ އެ އެސޯސިއޭޝަންގެ އެކައުންޓަށް މިހާތަނަށް ޖަމާވެފައިވާ ޢަދަދުކަމަށެވެ. ނަމަވެސް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ބެހެއްޓި ފަންޑުފޮށިތަކުގެ ފައިސާ މިހާރު ގުނުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، ފައިނަލް ޢަދަދެއް އެނގޭނީ އެ ފައިސާތައް އެކައުންޓަށް ޖަމާކުރުމުންކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު ފައިނަލް ޢަދަދެއް އެނގޭނެކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"ހެލްޕް ޕާކިސްތާން" ޓެލެތޯނަކީ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކުގެ ފެށުމެއްކަމަށާއި، ޓެލެތޯން އެއް ދުވަހަށް ކުރިއަށްގެންދިޔަ ނަމަވެސް، ޕާކިސްތާނަށް އެހީވުމަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްއޮތްތަނުގައި ހިންގާނެކަމަށް ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބުންޏެވެ.

މިދިޔަ ޖޫންމަހު ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަޑައިގެން ދިއުންފަދަ ޙާދިސާތަކުގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އަދި ގާތްގަޑަކަށް 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައިވާއިރު، އޭގެ ތެރޭގައި 16 މިލިޔަން ކުޑަކުދިންވެސް ހިމެނެއެވެ.


ފެންބޮޑުވުމުގެ ސަބަބުން 7.9 މިލިއަން މީހުންގެ ގެދޮރު ގެއްލި 2 މިލިޔަނަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި 6.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާއިރު އެޤައުމުން 1600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ޕާކިސްތާނަށް މިހާރު ދިމާވެފައިވާ ހާލަތުން ވަގުތީ ހިޔާތަކުގައި އެތައް މިލިޔަން ބަޔަކު އެބަތިއްބެއެވެ. އެތައްބަޔަކު އެއްތަނެއްގައި ތިބެންޖެހުމާއި އެކަށީގެންވާ ސާފުތާހިރުކަމާއި ވަޞީލަތްތައް ނެތުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައްވެސް އަންނަނީ އިތުރުވަމުންނެވެ.