އަންހެނުންގެ ބާސްކެޓްބޯޅަ ވޯލްޑް ކަޕް އެމެރިކާއިން 11 ވަނަ ފަަހަރަށް ކާމިޔާބުކޮށް، އެ ޓީމުގެ ރިކޯޑު އިތުރަށް ފުޅާކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އެމެރިކާއިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ސިޑްނީގައި ކުޅުނު ފައިނަލް މެޗްގައި ޗައިނާ ބަލިކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް އެމެރިކާއިން ކާމިޔާބުކުރީ 83 ޕޮއިންޓް 61 ޕޮއިންޓުންނެވެ. މިމެޗްގައި އެމެރިކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދިން ލެސް ވޭގަސް އޭސަސްގެ އޭޖާ ވިލްސަންއެވެ. މިގެއިތުރުން ކެލްސީ ޕްލަމް ވަނީ 17 ޕޮއިންޓް މި މެޗްގައި ހޯދާދީފައެވެ.
މި މެޗްގެ ފުރަތަމަ ދެ ކުއާޓަރގައި ޗައިނާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ އެމެރިކާއަށް ޕްރެޝަރ ކޮށްފައެވެ. ނަމަވެސް ތިން ވަނަ ކްއާޓަރގައި އެޓީމް މަޑުމަޑުން ކުޅުން ދައްވެ އެމެރިކާއިން ލީޑު ފުޅާކުރިއެވެ. މިކްއާޓަރގައި އެމެރިކާއިން ވަނީ 21 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިމެޗްގެ ފަހު ކްއާޓަރގައި ޗައިނާއިން އެމެރިކާ އާއި އަރާ ހަމަވޭތީ މަސައްކަތް ކުރި ނަމަވެސް އެމެރިކާއިން ވަނީ އެގޮތުގައި އޮވެ މެޗް ނިންމާލާފައެވެ.
މި މެޗް ބަލާލުމަށް ސިޑްނީގެ ސުޕަރ ޑޯމްއަށް 15 ހާސް 895 ކުލިބެލުންތެރިން ވަދެފައިވެއެވެ. މިއީ އޮސްޓްރޭލިއާގައި އަންހެން ބާސްކެޓްބޯޅަ މެޗެއް ބެލުމަށް އެންމެ ގިނަ މީހުން ވަން ފަހަރެވެ. މި މުބާރާތުގެ ތިންވަނަ ހޮވި މެޗްގައި އޮސްޓްރޭލިއާއިންވަނީ ކެނެޑާ އާއި ވާދަކޮށް 95 ޕޮއިންޓް 65 ޕޮއިންޓުން މެޗް ކާމިޔާބުކޮށް ތިންވަނަ މަގާމް ހާސިލްކޮށްފައެވެ.