އަމަން އަމާންކަމާއި ރައްކާތެރިކަން ނެތް މުޖުތަމައެއް ވިލުންވެރި މުޖުތަމައަކަށް ނުވާނެކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ. 
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ.  
ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓަރ އިމްރާން ދެއްވި މެސެޖުގައި ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ފޮނުވާފައެވެ. 
މިނިސްޓަރ އިމްރާންގެ މެސެޖުގައި ވިދާޅުވީ ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން ޤާއިމް ކުރުންކަމަށެވެ. އަދި އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއް ކަމަށާއި، އެފަދަ މުޖުތަމައެއް ގާއިމްކުރެވޭނީ އެންމެންގެ އެއާބާރުލުމާއި އެކުގައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. 
"ވިލުންތެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އަމާންކަމާއި ރައްކަތެރިކަން. އަމަން އަމާންކަމާއި ރައްކާތެރިކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރެވޭނެ މުޖުތަމައެއް. އަހިންސަ މުޖުތަމައެއް އުފެއްދޭނީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން ލިބިގެން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
		
ބައިނަލްއަޤްވާމީ އަހިންސަ ދުވަސް: މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މެސެޖް:
— Home Ministry, MV (@HomeMinistrymv) October 2, 2022
"ވިލުންވެރި މުޖުތަމައެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސް ކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަން. އަމަންއަމާންކަން ލިބިގެންވާ މުޖުތަމައަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމައެއް" pic.twitter.com/OAuwSf9tsQ
			މިނިސްޓަރ ވިދާޅުވީ ސަރުކާރާއި ސަރުކާރުގައި ހިމެނޭ މުއައްސަސާތަކާއި، ވަކިވަކި ފަރުދުން އަހިންސަޔަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ދޭދޭ ޤައުމުތަކާއި މުޖުތަމައުތަކާއި، ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލު ކުރާނީ ވައިލެންޓް ވެގެންނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
ބައިނަލްއަގުވާމީ ގޮތުން އަހިންސަ މުޖުތަމައެއް ގާއިމްކުރުމަށްޓަކައި ދިވެހި ރާއްޖެއަކީވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަމަށާއި، ދިވެހި މުޖުތަމައަކީ އަހިންސަ މުޖުތަމައަކަށްވުމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
އަހިންސަ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން އިސްނަގައިގެން ދައުލަތުގެ ވެރިންނަށާއި، އެކި އިދާރާތަކަށް ދުވަހާއި ގުޅޭ ޚާއްސަ ބެޖެއް ދަނީ ހަދިޔާ ކުރަމުންނެވެ.