ޚަބަރު

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ހުއްޓުވުމަށް ސިމް ވިއްކުން ހަރުކަށިކުރަނީ


އެކި ނަންބަރުތަކުން ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަތައް ހުއްޓުވުމަށްޓަކައި، މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކަކީ މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވާ މައްސަލަތަކެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން މިއަހަރުގެ މިހާތަނަށް ސްކޭމް ކޯލްތަކާއި ގުޅުންހުރި 220 އަށްވުރެ ގިނަ މައްސަލަ އެއިދާރާގައި ވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލަތަކުގައި އެކި މީހުންގެ އަތުން ހަތަރު މިލިޔަން ރުފިޔާ ވަނީ އޮޅުވާލައިގެން އަތުލާފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގައި ފުލުހުންނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ އަމަލުތައް ހިންގާ މީހުން ގެންގުޅޭ ނަންބަރަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރަކަށް ނުވަތަ ސިމަކަށް ނުވުމެވެ. ފުުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތް ވިދާޅުވީ ކޯވިޑަށްފަހު އިނޓަރނެޓްގެ ޒަރީއާއިންނާއި މީހުންގެ އީމެއިލް ހެކޮށްގެން ގިނަ އަދަދެއްގެ ފައިސާ އަތުލާ މައްސަލަތައް ހުށަހެޅިފައިވާކަމަށެވެ.

"ގުޅާ ނަންބަރުތަކަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވަ ނަންބަރުތަކެއްނޫން.އަން ރަޖިސްޓާޑް ނަންބަރުތަކެއް މި ހުންނަނީ. އެހެން ނަންބަރު ހުރުމުން ކޯލްހުރި އެގްޒޭކްޓް މީހާ ދެނެގަތުމަށްޓަކައި އެބަހުރި ޗެލެންޖަސްތަކެއް. އެމީހާ އަޅުގަނޑުމެންނަށް ދެނެ ނުގަނެވޭ. މިހާތަނަށްވެސް މިފަދަ 220 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހެޅިފަ. އެމައްސަލަތަކުގައި ހަތަރު މިލިޔަނެއްހާ ރުފިޔާ ވަނީ މިގެން އޮޅުވާލަިއގެން ގެއްލިފަ." ލޫތު ވިދާޅުވިއެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހައްލު ކުރުމަށްޓަކައި އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީނުކޮށް، މިފަދަ އަމަލުތަކަށް ޝައްކު ކުރެވޭ ނަންބަރުތައް 24 ގަޑިރުތެރޭ މިހާރު ބްލޮކް ކުރެވިގެންދާނެއެވެ. އަދި ސިމްތައް މީހަކަށް ނެގޭނެ އަދަދެއް ކަނޑައަޅައި ސިމްގެ ވެރިފަރާތް ޒިންމާދާރު ކުރެވޭނެ އުސޫލުތަކެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުލުހުންނަށް މިފަދަ މައްސަލަތަކުގައި މިހާތަނަށް ބެލިބެލުމުން އެންމެ ގިނައިން ސްކޭމް ކޯލްތަކުގެ ސެލް ރެކޯޑް ކުރެވިފައިވަނީ މާފުށީ ސަރަހައްދުންނެވެ.

ސްކޭމް ކޯލްތަކަށް އަހުލުވެރި ކުރުމަށްޓަކައި ފުލުހުން ދަނީ 100 ދުވަހުގެ ޕްލޭނެއް އެކުލަވާލާފައެވެ. ފުލުހުންގެ ފްރޯޑް އިންވެސްޓިގޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އަންދާޒު މުހައްމަދު ވިދާޅުވީ ސްކޭމް ކޯލުތަކުން ފައިސާ ހޯދާ މައްސަލަތަކުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގޭ ޕްރޮގުރާމަކީ 100 ދުވަހުގެ ތެރޭގައި އެއްލައްކަ މީހުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ޕްރޮގުރާމެއްކަމަށެވެ.

މުޅިރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގުރާމުގައި ސްކޭމް ކޯލުތަކުން ފައިސާ ހޯދުމަށް ގެންގުޅޭ އުކުޅުތަކާއި އެކަން ކުރާ މީހުންނަށް ސަމާލުވުމަށްޓަކައި މައުލޫމާތު ދެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޭމްތަކާއި ގުޅިގެން ތަހުގީގް ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭ ގޮތުން އިދާރާތަކަށް މައުލޫމާތު ދިނުމާއި، ކަމާއި ގުޅުންހުރި އިދާރާތަކަށް ޚާއްސަކޮށް ވޯކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ހުށައަޅަމުން އަންނަކަން ހާމަކޮށްފައެވެ. އަދި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢުލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅި ނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައި އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.