ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕް ފެށުން މި މަހުގެ ހަތަކަށް ފަސްކޮށްފިއެވެ.
ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހެވެ. އެކަމަކު މި މުބާރާތް ކުރިއަށްދާ ރެހެންދި ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތް އެއްވަނަ ދުވަހަށް ނިމިފައިނުވުމުން މި މުބާރާތް ފަސްކުރީއެވެ.
ކުލަބު މޯލްޑިވްސް އިން ހާމަކުރި ގޮތުގައި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިހާރު ތާވަލުކުރެވިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހަށެވެ. އަދި މުބާރާތުގެ މެޗުތަކުގެ ކުޅުން ފެށުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.
ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރުވެސް 32 ޓީމު ވަނީ ބައިވެރިވެފައެވެ.
ކުލަބު މޯލްޑިވްސް ކަޕުގައި އަންހެން ޓީމުތަކަށް ހާއްސަކޮށްގެން ބާއްވާ 18/30 ފުޓްސަލް ފިއެސްޓާ ކުރިޔަށްދާނީ ފަސް ޓީމާއެކު އެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން އަދި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންކަން ހޯދި އެމްޕީއެލް އާއި ކްލަބް ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ، ޓީމު ފެނަކަ، އަދި ދިވެހި ސިފައިންގެ ކުލަބެވެ. އަންހެން ބައި ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ ލީގު ބުރުން އެންމެ ވަރުގަދަ ދެ ޓީމެވެ.
ކުލަބު މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. އަހަރަކަށްފަހު އަހަރެއް މުބާރާތުގެ ފޯރި ގަދަވަމުން އަންނައިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު މި މުބާރާތް ނުބާއްވައެވެ. އޭގެފަހުން މި މުބާރާތް ބޭއްވީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ރޯޑް ރެކްރިއޭޝަން ކުލަބު (އާރުއާރުސީ) އެވެ. އާރުއާރުސީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، 4-0 އިން ބަލިކުރުމަށްފަހު އެވެ.