ފޯ ސީޒަންސް ކުޑަހުރާ ބަލިކޮށް ބަނޑޮސް މޯލްޑިވްސްއިން ގޯލްޑެން އިޔާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2022 ގެ ޒޯން އެކެއްގެ ތަށި މިލްކުކޮށްފިއެވެ.
މިއީ ބަނޑޮހުން މި މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. ހުކުރު ދުވަހުގެ ހަވީރު ބަނޑޮހުގައި ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މާލެ ޒޯނުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ސީދާ ތިން ސެޓުން ފޯ ސީޒަންސް ކުޑަހުރާ ކާމިޔާބުކޮށްގެންނެވެ. އެކަމަކު ސެމީ ފައިނަލުގައި ބަނޑޮހުން ވަނީ ސީދާ ތިން ސެޓުން ކުޑަހުރާ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ބަނޑޮސް އިން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިގެން ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން، ފާޒިލްގެ މޮޅު އެޓޭކުތަކަކާއެކު ފޯ ސީޒަންސް ކުޑަހުރާއިން ވަނީ ލީޑު ނަގައިފައެވެ. މި ސެޓުގެ ފަހު ކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ނިމިގެންދިޔައީ 25-27 އިންނެވެ.
ދެވަނަ ސެޓު ފަށައިގެން ބަނޑޮހުން އެ ޓީމުގެ ކުޅުން ފުރަތަމަ ސެޓަށްވުރެ ވަރުގަދަކުރިއިރު، މި ސެޓު ފަށައިގެން ބަނޑޮހުން ވަނީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ކުޅެފައެވެ. މި ސެޓުގައި ބަނޑޮހުގެ ތަފާތަކަށް ވެގެންދިޔައީ، އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި، ހުޒާމް އަލީ (ހުޒަންޓޭ) ގެ އިތުރުން ސެޓަރު އިޝާން އިބްރާހީމް (ބަޓިސް)އެވެ. މި ސެޓު ބަނޑޮހުން ގެންދިޔައީ 25-19 އިންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ވެސް ބަނޑޮސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މުޅި ސެޓުގައި ވެސް ބަނޑޮހުން ވަނީ ބޮޑު ލީޑަކާއެކު ކުޅެފައެވެ. މި ސެޓު ބަނޑޮހުން ގެންދިޔައީ 25-16 އިންނެވެ.
ހަތަރުވަނަ ސެޓު ފަށައިގެންވެސް ބަނޑޮހުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މި ސެޓުގައިވެސް ބަނޑޮހުގެ ތަފާތަކަށްވީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުޑަކާއްޓޭއެވެ. މި ސެޓު ބަނޑޮހުން ގެންދިޔައީ 25-19 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ބަނޑޮހުގެ ކޯޗު މުޙައްމަދު ސާޖިދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ބަނޑޮހުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އެވެ.