ޚަބަރު

އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ


އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ދެ ފޭސްއެއް މި އަހަރުގެ ބަޖެޓުގައިވަނީ، ހިމަނުއްވާފައެވެ. މީގެތެރެއިން ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިގެން މިހާރުވެސް ކުރިއަށްދެއެވެ. އައްޑޫ ސިޓީގެ މަގުތަކެއް ރަނގަޅުފެންވަރަކަށް ހެއްދެވުމުގެ ގޮތުން ބައެއް މަގުތަކުގައި ގާ އެޅުމާއި ތާރު އެޅުމަށްވަނީ ނިންމަވާފައެވެ. އެގޮތުން މިހާރުވެސް ހުޅުދޫއާއި ހުޅުމީދޫ ގުޅޭ މަގުގައި ގާޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން، އެމްއާރްޑީސީގެ މީޑިއާ އޮފިޝަލް ޝާރިފް މުހައްމަދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑް މަރާމާތު ކުރުމާއި، ސައިން ބޯޑުތަކާއި، ސްޕީޑް ބްރޭކަރ ހަރުކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢު ނިމުމުގެ އެންމެ ފަހު މަރުހަލާގައިވާކަން ޝާރިފް ފާހަގަކުރެއްވިއެވެ. އައްޑޫގެ ބޮޑެތި މަގުތަކަކީ ފެންވަރު ރަނގަޅު، ރައްކާތެރި އަމާން މަގުތަކަކަށް ހެދުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ސައިން ބޯޑުތަކާއި، ސްޕީޑް ބްރޭކަރ ހަރުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ހިތަދޫ ބޮޑުމަގުގައެވެ. ހަމަ މި މަޝްރޫއުގެ ތެރެއިން ފޭދޫ އާއި، މަރަދޫފޭދޫގެ މަގުތަކުގައި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. އަދި ފޭދޫ އާއި މަރަދޫފޭދޫ މަގުތަކުގެ ތެރެއިން، ތާރު އަޅާނެ މަގުތައް ކަނޑައެޅުމުގެ ސާރވޭއެއް މިހާރު ހައުސިންގ މިނިސްޓްރީންވަނީ ފަށްޓަވާފައެވެ. އައްޑޫސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ދެ ފޭސްއަކަށް ބަހާލައިގެން މިއަހަރަށް ބަޖެޓްކޮށްފައިވާއިރު، ފުރަތަމަ ފޭސްއަށް ކަނޑައަޅާފައިވަނީ، ގާތްގަނޑަކަށް 1.09 މިލިއަން ރުފިޔާއެވެ.އަދި ދެވަނަ ފިޔަވައްސަށް ކަނޑައަޅާފައިވަނީ، ގާތްގަނޑަކަށް 90 މިލިއަން ރުފިޔާއެވެ. އައްޑޫ ސިޓީގެ ރަށްރަށުގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތަކީ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.