ދުނިޔޭގެ ވިޔަފާރި

ހަކަތައާއި ގޮވާމުގެ ބާވަތްތައް ރަޝިއާއިން އަފްޣާނިސްތާނަށް ފޯރުކޮށްދެނީ


ގޭހާއި ޑީސަލާއި ގޮވާމުގެ ބާވަތްތައް އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް ރަޝިއާއާއެކު ތާލިބާނުން ވަގުތީ އެއްބަސްވުމެއްގައ ސޮއިކޮށްފައިވާ ކަމަށް އަފްޣާނިސްތާންގެ އެކްޓިން ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ހާޖީ ނޫރައްދީން އަޒީޒީ ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމަކީ ތާލިބާނުން އަނބުރާ ވެރިކަމަށް އައިފަހުން އެމީހުންގެ ފުރަތަމަ ބައިނަލްއަގްވާމީ އިގްތިސާދީ ބޮޑު އެއްބަސްވުމެވެ. މިއެއްބަސްވުމުގެ ދަށުން ރަޝިއާއިން އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ޓަނުގެ ގޭހާއި އެއް މިލިއަން ޓަނުގެ ޑީސަލް، 500،000 ޓަނުގެ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް، އެލްޕީޖ އަދި ދެ މިލިއަން ޓަނުގެ ހަނޑުލުގެ ބާވަތްތައް ފޯރުކޮށްދޭނެއެވެ.

އަޒީޒީ ވިދާޅުވީ އެވުޒާރާއިން މަސައްކަތް ކުރަނީ ކުންފުނީގެ ވިޔަފާރީގެ ބައިވެރިން ޑައިވަރސިފައި ކުރުމަށް ކަމަށާއި ދުނިޔޭގެ އެވްރެޖް މުދަލުގެ އަގުތަކަށް ތާލިބާނަށް ޑިސްކައުންޓެއް ދޭނެ ކަމަށް ރަޝިއާއިން ބުނެފައިވާ ކަމަށެވެ. އަޒީޒީ ވިދާޅުވީ އެ އެއްބަސްވުން ކުރިއަށް ދާނީ މުއްދަތެއް ކަނޑައެޅިފައިނުވާ ގޮތަށް ޓެސްޓު އެއްބަސްވުމެއްގެ ގޮތަށެވެ. އޭގެ ފަހުން ދެ ފަރާތުން ވެސް އެ އިންތިޒާމާއި މެދު ހިތްހަމަޖެހިއްޖެ ނަމަ ދިގު މުއްދަތަކަށް ސޮއިކުރާނެ ކަމަށެވެ. އަގު ކަނޑައެޅުމާއި ފައިސާ ދެއްކުމުގެ އުސޫލުތަކާ ބެހޭ ތަފްސީލު ދެއްވަން ދެކޮޅު ހެއްދެވި ނަމަވެސް އެއްގަމު މަގުން އަފްޣާނިސްތާނަށް ޑެލިވަރީ ކުރާ މުދަލުން ދުނިޔޭގެ މާކެޓްތަކަށް ޑިސްކައުންޓް ދިނުމަށް ރަޝިޔާއިން އެއްބަސްވެފައިވާ ކަމަށް އަޒީޒީ ވިދާޅުވިއެވެ.

ރަޝިޔާގެ އަފްޣާނިސްތާނަށް ޚާއްސަ މަންދޫބު ޒަމީރު ކަބޫލޯވްއާ ހަވާލާދީ ދައުލަތުގެ ޓާސް ނިއުސް އެޖެންސީންވަނީ ކާބުލްއަށް ތެލާއި ކާބޯތަކެތި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން "އިބްތިދާއީ އެއްބަސްވުންތަކެއް" ވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެ އެއްބަސްވުމާއި ގުޅޭ ގޮތުން ރަޝިޔާގެ އެނާޖީ އެންޑް އެގްރިކަލްޗާ އާއިބެހޭ ވުޒާރާއިންވެސް އަދި ތެލާއި ގޭހާއި ހަވާލުވެ ހުންނެވި ރަޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އެލެގްޒެންޑަރ ނޮވާކްގެ އޮފީހުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.