ދުނިޔޭގެ ވިޔަފާރި

އައިފޯނު 14ގެ ޑިމާންޑު ދަށްވުމުން ހިއްސާގެ އަގުވެސް ދަށްވެއްޖެ


އައިފޯނު 14 ގެ އުފެއްދުންތައް މަދުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުކުރުމުން ޓެކް ޖަޔަންޓް އެޕަލް އިންކްގެ ހިއްސާގެ އަގު %4އަށް ދަށްވެއްޖެއެވެ.

ބޭރު ދުނިޔޭގެ ވިޔަފާރި ޚަބަރުތައް ގެނެސްދޭ ބްލޫމްބާގް ނޫހުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ އައިފޯން 14 ލައިނަޕްގެ އެސެމްބްލީ 6 މިލިއަން ޔުނިޓާ ހަމައަށް އިތުރުކުރުމަށް ކުރާ މަސައްކަތްތައް މަދުކުރުމަށް އެޕަލްގެ ސަޕްލައި ކުރާ ފަރާތްތަކަށް އަންގާފައި ވަނީ ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ. މި ޚަބަރާއެކު އެޕަލްގެ ސަޕްލައި ކުންފުނިތައް ކަމަށްވާ ކުއަލްކޮމް، ޓައިވާން ސެމީކޮންޑަކްޓަރ، އެސްޓީމައިކްރޯއިލެކްޓްރޯނިކްސް , އިންފިނިއޯން އަދި އޭއެސްއެމްއެލްގެ ހިއްސާ ވެސްވަނީ ދަށަށް ގޮސްފައެވެ.

ދުނިޔޭގެ އެންމެ އަގުހުރި ޕަބްލިކް ކުންފުނި ކަމަށްވާ އެޕަލްގެ ހިއްސާ ދެ މަސް ދުވަސް ފަހުން ހުޅުވާލިއިރު ހުރީ ހިއްސާއެއް 147.64 އެމެރިކާ ޑޮލަރަށެވެ.

އައިފޯން 14ގެ ޕްރޯ އަދި ޕްރޯ މެކްސްގެ ވާރޝަންތައް ވިއްކަނީ ބާރު ސްޕީޑެއްގައި ނަމަވެސް އާންމުކޮށް އެޕަލްގެ ބެސްޓް ސެލަރ ކަމަށްވާ ބޭސް މޮޑެލް އަށް މާ ބޮޑު ޑިމާންޑެއް ނެތް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސެޓެލައިޓް ކަނެކްޓިވިޓީ އާއި ކްރެޝް ޑިޓެކްޝަން ފީޗާސްގެ ފިޔަވައި އައިފޯން 14 މޮޑެލްގެ ސިފަ އާއި ފެންނަގޮތްވެސް ކުރީގެ މޮޑެލްތަކާއި އެއްގޮތެވެ. ނަމަވެސް ބޭސް ވަރޝަން އަށް 100 ޑޮލަރު އިތުރުކޮށް 799 އެމެރިކާ ޑޮލަރަށް ވަނީ ވިއްކާފައެވެ.

އެޕަލްގެ އުފެއްދުންތައް އުފެއްދުމުގައި ޗައިނާއަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ކުރުމަށް އެކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯން 'އައިފޯން 14' އިންޑިއާގައި އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

އައިފޯން 14 އުފެއްދުމުގެ %5 މިއަހަރު ނިމުމުގެ ކުރިން އިންޑިއާއަށް ބަދަލު ކުރާނެ ކަމަށް ބެލެވޭ ކަމަށާއި 2025 ވަނަ އަހަރު އަންނަންވާއިރަށް އެކުންފުނިން އުފައްދާ ކޮންމެ 4 ފޯނަކުން 1 ފޯނަކީ އިންޑިއާގައި އުފައްދާ ފޯނަކަށް ވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިވަގުތު އެޕަލް ކުންފުނީގެ ހުރިހާ އުފެއްދުންތަކުގެ 90 އިންސައްތަ މަސައްކަތް ކުރަނީ ޗައިނާގައެވެ. އެކުންފުނީގެ އެންމެ ފަހުގެ އައިފޯން 14 އަކީ ޒަމާނީ ގިނަ ފީޗާސްތަކާއެކު ތަޢާރަފްކޮށްފައިވާ ފޯނެކެވެ.