ޚަބަރު

މާކުރަތުގައި ޤާއިމްކުރަމުންދާ ބަނދަރާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް


އާބާދީގައި 1300އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރ. މާކުރަތަކީ ފީނުމާއި މަސްވެރިކަން ކޮށްއުޅޭ ރަށެކެވެ. ރަށަކީ ގިނަ އަދަދަކަށް މަސްދޯނި ގެންގުޅޭ ރަށަކަށްވާއިރު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރުގެ ދަތިކަމެވެ.

މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާކުރަތު ބަނދަރު ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް ވިދާޅުވީ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. ކުރީގެ ބަނދަރު ކުޑަވުމާއެކު ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާކަމަށާއި ބައެއް ފަހަރު މާލެއިން ގެންނަ މުދާ ބޭލުމަށް ފަޅުގައި މަޑުކުރާނެ ޖާގަ ނެތިގެން އުޅެންޖެހޭ ހާލަތްތައް ވެސް ކުރިމަތިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އަލަށް ޤާއިމްކުރަމުންދާ ބަނދަރާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ބަނދަރުގެ ޖާގަ އިތުރު ކުރުމަށާ ނެރަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިނިސްޓްރީއާއިއެކު މިހާރު ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާކުރަތުގައި މިހާތަނަށް ބޭނުންކުރަމުން އައިސްފައިވަނީ 2009ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ. ނަމަވެސް ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާފައެއް ނުވެއެވެ. ބަނދަރުގެ ހުޅަނގު ފަރާތު ހުރަސްތޮށީގެ މަސައްކަތް ނުނިންމައި ޝީޓްޕައިލް ކޮށްފައި ނެތުމުން އެތަންވެސް ބޭނުމެއް ނުކުރެވެއެވެ.

އެމްޓީސީސީން ބުނީ މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން 45024 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސްމިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ކުންފުނިން މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި މަހުއެވެ. މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.