ތަޢުލީމު

އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދާ ކުދިންނަކީ ކޮބައިކަން ބަލަނީ !




އެކި ސަބަބުތަކާ ހުރެ
ސްކޫލަށް ނުދާ ކުދިންނަކީ ކޮބައިކަން ބައްލަވަމުން އެބަގެންދަވާމަށް އެޑިޔުކޭޝަން
މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



އެޑިޔުކޭޝަން
މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލަށް ނުދާ ކުދިން ތިބިތޯ، އެންމެ
ކުއްޖަކުވެސް ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން، ޖެންޑަރ މިނިސްޓްރީއާއި ހޯމް
މިނިސްޓްރީއާ ގުޅިވަޑައިގެން އެކަންކަން ބަލަމުންދާކަމަށެވެ. އެގޮތުން މާލެއާއި
އަތޮޅުތެރޭގައި ތިބި އެފަދަ ކުދިންނަކީ ކޮބައިކަން ބައްލަވައި، އެފަދަ ކުދިންގެ ބެލެނިވެރިންނާ ވާހަކަދައްކަމުން ގެންދަވާކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



މީގެ އިތުރަށް
ސްކޫލްގައި އުޅެ، ވަކި ހިސާބަކުން އެކި ސަބަބުތަކާ ހުރެ ސްކޫލުން ކެނޑިގެންދާ
ކުދިންގެ ޢަދަދުވެސް މަދުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް
އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.





2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ރާއްޖޭގެ
ހުރިހާ ސްކޫލްތަކެއްގައި ފަށްޓަވާފައިވާއިރު، ގްރޭޑް އެކަކުން ފެށިގެން ބާރައާ
ހަމައަށް ހަތްދިހަ ފަސް ހާސް ފައްސަތޭކައަށްވުރެ ގިނަ ދަރިވަރުން މިއަހަރު
ތަޢުލީމް ޙާޞިލުކުރަމުންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ
ހާމަކުރައްވާފައެވެ. މީގެތެރޭގައި މާލޭގެ ސްކޫލްތަކުގައި އަށާވިސް ހާސް
ފައްސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާނެއެވެ. އަދި އަތޮޅުތަކުގެ
ސްކޫލްތަކުގައި ސާޅިސް ހަތްހާސް ދުއިއްސަތައްއަށްވުރެ ގިނަ ދަރިވަރުން
ކިޔަވަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.