ޚަބަރު

ބޮޑުތިލަދުންމަތި ރަސްމީކޮށް ގުޅާލައިފި، ހައްޓަށް ފަސޭހަ އަގުހެޔޮ ފެރީ ނިޒާމެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތުން ބޮޑުތިލަދުންމަތި ރަސްމީކޮށް ގުޅާލުން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. ޒޯން 1ގެ އާރުޓީއެލް ފެރީ ނެޓްވޯކްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި މި މަޝްރޫޢުގެ ފޭސް 2 އަދި ފޭސް 3ގެ ދަށުން، ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.


ބޮޑު ތިލަދުންމަތީގައި އާރް.ޓީ.އެލް. ރަސްމީކޮށް އިފްތިތާޙް ކުރެވުމާއެކު ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށުނީއެވެ. ފުރަތަމަ ޒޯނުގާ ޚިދުމަތް ފަށާފައި މިވަނީ، ޒަމާނީ، ދުވެލި ހަލުއި، އުޅަނދު ތަކެއްގައެވެ. މިގޮތުން ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުތައް ކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ. އުޅަނދުގައި ފާޚާނާގެ އިތުރުން ލަގެޖް ބެހެއްޓޭނެ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ. މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާ، ރާޅަށް ރިޢާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް ގަދަ، އުޅަނދު ތަކެކެވެ.

އާރުޓީއެލްގެ ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު ޚިދުމަތުގައި ދަނީ ބޭނުންކުރަމުންނެވެ. އެއީ އެ ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ޚިދުމަތް ދޭނެ އުޅަނދުތަކެކެވެ.

އާރް.ޓީ.އެލް.ގެ ޚިދުމަތް، ރައްޔިތުންނަށް ފޯރުކޮށްދެނީ ޓެކްނޮލޮޖީއާ ވަރަށް ރަށްޓެހި ޚިދުމަތެއްގެ ގޮތުގައެވެ. މިގޮތުން، ކޮންމެ ތަނެއްގަ ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގާ އޮންނަ، ސްމާޓު ފޯނުން، އެ ހުރި ތަނަކުން ދަތުރު ޝެޑިއުލް ބަލާލެވި، ޓިކެޓު ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.

ސްމާޓުފޯނެއް ނެތް ބޭފުޅަކަށް، ޓިކެޓުގެ ނަންބަރު ދައްކާލައިގެން ދަތުރުކުރެވޭނެއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. ކިޔު.އާރް ޓިކެޓް ގަންނާނެ ގޮތުގެ ތަފްސީލް އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ވީޑިއޯގެ އެހީގައި ޝާޢިޢު ކުރެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. އަދި 188 ފެރީ ޓާރމިނަލް ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. އަދި މި އުޅަނދުތަކަށް ޚިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ.


އެމްޓީސީސީން ވިދާޅުވީ އެކުންފުނީގެ އަމާޒަމީ ކުރިއަށް އޮތް 24 މަސް ދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުންކަމަށެވެ. އެގޮތުގެމަތިން، ކުރިއަށް އޮތް 9 މަސް ދުވަސްތެރޭ 9 އަތޮޅެއްގައި މި ޚިދުމަތް ތަޢާރަފު ކުރަން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެން ދާއިރު އަށެއްކަ ސަތޭކަ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ. އެ މުވައްޒަފުންނަކީ، ކޮންމެ މީހެއްގެ އެވްރެޖު މުސާރައަށް ބަލާއިރު، އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ޚިދުމަތަށް ތަމްރީނު ވެފައިވާ، ޤާބިލު ބަޔަކަށް، ވެގެންދާނެކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.