ކުޅިވަރު

ބިދޭސީ ކުޅުންތެރިންނަށް ވުރެ މުހިންމީ ރަނޅަށް ތައްޔާރުން - ސުޒޭން


ބިދޭސީ އެންމެ ކުޅުންތެރިއެއް ލައިގެންވެސް އޭއެފްސީ
ކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދިދާނެކަމަށް މާޒިޔާ ސްޕޯޓްސް އެންޑް
ރެކްރިއޭޝަން ކުލަބްގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. 

އަލީ ސުޒޭން ބުނީ އޭއެފްސީކަޕް
ފަދަ ވަރުގަދަ މުބާރާތަކާ ކުރިމަތިލާއިރު ބޭނުންވަނީ ބިދޭސީ ކުޅުންތެރިން ނޫންކަމަށާއި، ބޭނުންވަނީ މުބާރާތުގެ ކުރިން ރަނގަޅަށް ތައްޔާރުވުންކަމަށެވެ.
މިފަހަރުގެ އޭއެފްސީކަޕްގައި މާޒިޔާއިން ފެންނާނީ ބިދޭސީ އެންމެ ކުޅުންތެރިއެކެވެ. އެއީ
ޑިފެންޑަރ ޒިވްކޯއެވެ. 

ޒިވްކޯ މާޒިޔާއާ މިސީޒަންގައި ގުޅިފައިވަނީ މިދިޔަ
އަހަރުގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއަށްފަހު ވަރަށް ގިނަ ދުވަހު ކުޅުމާ
ދުރުގައި ހުރެފައެވެ. ފާއިތުވި ދެސީޒަންގައިވެސް ޒިވްކޯ ކުޅުނީ މާޒިޔާއަށެވެ. ސުޒޭން ބުނީ މާޒިޔާގައި މިހާރު ޤައުމީ ޓީމްގެ ގިނަ
ކުޅުންތެރިންތިބުއާއެކު، އަދި އާންމުކޮށް ރާއްޖެއަށް ގެންނަ ގިނަ ބިދޭސީ ކުޅުންނާ
އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިން ތިބުމުން، ބިދޭސީ ކުޅުންތެރިންނަށް ވުރެ މުޙިންމީ މުބާރާތަށް ރަނގަޅަށް ތައްޔާރުވުންކަމަށެވެ. މުބާރާތަށް
ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ، ދިވެހި ކުޅުންތެރިންނާއެކުވެސް އޭއެފްސީކަޕްގައި
ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް މަޒިޔާގެ ކޯޗް އަލީ ސުޒޭން ބުންޏެވެ.



އޭއެފްސީގައި މާޒިޔާ އެޓީމްގެ ފުރަތަމަ މެޗްގައި
ބައްދަލުކުރާނީ ރަށުން ބޭރުގައި އިންޑިޔާގެ މޯހަން ބަގާންއާއެވެ. މާޒިޔާއިން ބުނީ
މިމެޗް ކުރިން އިންޑިޔާގެ ކޮލްކަތާގައި ކުޅުމަށް ހަމަޖެހިފައިވީނަމަވެސް މިހާރު
މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަސަމްގެ ގުވާޓީގައި ކަމަށެވެ. މެޗު ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.