ޚަބަރު

24 އަހަރަށްފަހު ހއ.އުތީމަށް އައު އިންޖީނުގެއެއް


ހއ. އުތީމުގައި އިމާރާތްކުރި އައު އިންޖީނުގެ ހުޅުވައިފިއެވެ.

ގައުމީދުވަސް ފާހަގަކުރުމަށް އުތީމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި މިއަދު އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުްމހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޖީނުގެ އޮޕަރޭޓްކުރާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ އުތީމު ރައްޔިތުންގެ ޝަކުވާގެ އަޑު އެހީ މި ސަރުކާރުން އެކަނި ކަމަށް ކައުންސިލުން ބުނާ ވާހަކައަކީ ވަރަށް ތެދު ވާހަކައެއް ކަމަށާއި، އިންޖީނުގެ މިއަދު ހުޅުވުމަކީ އެކަމަށް އޮތް ހެއްކެއް ކަމަށެވެ. ސައީދު ވިދާޅުވީ އެކަން އެހެން ވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނާއި މެދު ބަހައްޓަވާ އޯގާތެރިކަމުގެ ސަބަބުން ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ކަރަންޓުގެ ހާލަތު އޮތް ގޮތުން ކޮންމެ ވަގުތަކު ވެސް ކަރަންޓު ކެނޑިދާނެތީ އެކަމުގެ ކަންބޮޑުވުން އަބަދުވެސް އޮތް ކަމަށެވެ. އެގޮތުން މަސައްކަތްތައް ފެށުނުތާ ކުރީކޮޅު ކޮންމެ ހުކުރު ދުވަހަކު ވެސް ރައީސް ގުޅުއްވާ ރަށްރަށުގެ ކަރަންޓުގެ ހާލަތު ބައްލަވާ ކަމަށާއި، މިހާރު މަޝްރޫޢުތައް ނިމި ގިނަ ރަށްތަކަށް ކަރަންޓު ރަނގަޅަށް ލިބޭތީ އެކަން މަދުވެފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ އެ މަގާމުގައި ނެތަސްވެސް އަބަދުވެސް އެންމެ ހަނދާނުގައި ހުންނާނެ ކަމަކީ ރައީސް ޞާލިހު ރައްޔިތުންނާ މެދު ބަހައްޓަވާ ގާތް ކަމާއި ލޯބި ކަމަށެވެ.

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް އިމާރާތްކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.