ކުޅިވަރު

ނޭޝަންސް ލީގު: އިންގްލަންޑާއި ޖަރުމަނުގެ ކުރިމަތިލުން އެއްވަރު


ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ތިނެއްގައި އިންގްލަންޑާއި ޖަރުމަން ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެއްޖެއެވެ.

އިންގްލަންޑުގައި ކުޅުުނު މި މެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޖަރުމަނުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ނުދިޔައިރު މި މެޗްގައި ފެނިގެންދިޔަ ހަ ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފްގައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލީޑު ނެގީ ޖަރުމަނު ޓީމެވެ. މި ލަނޑަކީ އިންގްލަންޑްގެ ޑިފެންޑަރ ހެރީ މެގުއަަރ އަށް ހެދުނު ގޯހެއްގެ ސަބަބުން ލިބިގެންދިޔަ ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ޖަރުމަނަށް ކާމިޔާބުކޮށްދިނީ އިލްކައި ގުންޑޮގާންއެވެ.

މެޗްގެ 67 ވަނަ މިނެޓްގައި އަނެއްކާވެސް މެގުއަޔަރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަރުމަނުން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒެވެ. މެޗްގައި އިންގްލަންޑްގެ ފުރަތަމަ ލަނޑު އޭގެ ހަތަރު މިނެޓްފަހުން ޖަހާދިނީ ލޫކް ޝޯއެވެ. އަދި މެޗްގެ 75 ވަނަ މިނެޓްގައި މޭސަން މައުންޓް ޖަހާދިން ލަނޑާއެކު އިންގްލަންޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ހަމަ އެއާއެކު އިންގްލަންޑުން ވަނީ މެޗްގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މި މެޗްގައި ފުރަތަމަ ފަހަރަށް ލީޑުވެސް ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ކެޕްޓަން ހެރީ ކޭންއެވެ. މި ލަނޑާއެކު މެޗުން އިންގްލަންޑް މޮޅުވާނެކަމަށް ހީވި ނަމަވެސް މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ހަވާޓްޒް މި މެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ.

މި މެޗް އެއްވަރުވުމުން ޖަރުމަނުވިލާތް ހަތް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ޓީމްގެ ގޮތުގައި މިފަހަރުގެ ނޭޝަންސް ލީގު ނިންމާލިއިރު އިންގްލަންޑް ވަނީ ލީގް ބީއަށް ރެލިގޭޓްވެފައެވެ. އަދި މިއީ އެޓީމް މެޗަކުން މޮޅުނުވެ ނިންމާލި ހަވަނަ މެޗެވެ. މިއީ 1993 ވަނަ އަހަރަށްފަހު މިހާ ދައްކުޅުމެއް އިންގްލަންޑްގެ ފަރާތުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތް ވާރލްޑް ކަޕަށް ކުރިމަތިލާއިރު ޓީމްގެ ކުޅުން ރަނގަޅު ކުރުމަށް ކޯޗް ސައުތު ގޭޓްއަށް ގިނަ މަސައްކަތްތަކެއް ކުރަންމިވަނީ ޖެހިފައެވެ.