ޚަބަރު

ގިނަ ޢަދަދެއްގެ އުޅަނދުތަކުގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން ބާޠިލުކޮށްފި


ގަވާޢިދާ ޚިލަފަށް ރަޖިސްޓްރީކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓު މިނިސްޓްރީން ބާޠިލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވީ މިވެހިކަލްތަކުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތާޚިލާފަށް ރަޖިސްޓްރީ ކުރުމުގެ ހުއްދަ އޮންނަ ޢުމުރު ހަމަވެފައިވާ އުޅަނދުތައްވެސް ރަޖިސްޓްރީކޮށްފައި ވާކަމަށެވެ. މީގެ އިތުރުން ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައްވެސް ރަޖިސްޓްރީ ބާޠިލުކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީއިންވަނީ މި އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކުރިކަން ޢާއްމުކޮށް އަންގާ ޢިއުލާންކޮށްފައެވެ.

މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއްގަމު އުޅަނދު ގިނަވެ މަގުތައް ތޮއްޖެހުމުގެ މައްސަލައެވެ. މިހާތަނަށް 80000 އަށްވުރެ ގިނަ ވެހިކަލް މާލެއަށް ރަޖިސްޓްރީކޮށްފައިވާއިރު މީގެތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ. ރާއްޖޭގައި ވެހިކަލް ރަޖިސްޓަރކުރެވެނީ ގަރާޖެއްގެ ދަށުންނެވެ. އެހެންނަމަވެސް އެއް ގަރާޖެއްގައި ގިނަ ޢަދަދެއްގެ ވެހިކަލް ރަޖިސްޓްރީކުރުމުގެ މައްސަލަ ބޮޑުވެ އެކަމަށް ޙައްލުގެނައުމަށް ވަކި ޢަދަދަކަށް ރަޖިސްޓްރީކޮށްފައިވާނަމަ އެގަރާޖެއްގެ ދަށުން އުޅަނދު ރަޖިސްޓްރީކޮށްދިނުންވަނީ މިހާރުވަނީ ހުއްޓާލާފައެވެ.

ގަވާޢިދާ ޚިލާފަށް އެތައް ވެހިކަލެއް އެއް ގަރާޖެއްގައި ރަޖިސްޓްރީކުރުމު ސަބަބުން ޕާކުކުރާނެ ތަނެއް ނެތި އުޅަނދުތައް މަގުމަތީ ޕާކުކުރަންޖެހުމަކީ ޢާއްމުންގެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ. ރާއްޖެއަށް އެތެރެކުރެވޭ ވެހިކަލްތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އުޅަނދު ރަޖިސްޓްރީކުރެވޭ އުސޫލު ހަރުދަނާކޮށް އެކަމުގައި ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ބޮޑެތި ވިޔަފާރިތައް ހުއްޓުވާ މާލޭގެ އެތެރޭގައި ޢާއްމު ދަތުރުފަތުރު، ނިޒާމެއް ޤާއިމުކޮށް ޚިދުމަތްދޭންވަނީ ފަށާފައެވެ.