ކުޅިވަރު

މިއީ ސީޒަންފެށުމަށް ރަނގަޅު ކާމިޔާބީއެއް - ކުޑައައްޔަ


ޓިއޯމަން ފެސްޓިވަލްގެ ބޮޑީ ބޯޑިން ކެޓަގަރީން އެއްވަނަ ލިބުމަކީ ކުރިއަށް
އޮތް ސީޒަންގައި ކާމިޔާބުތަކެއް ހޯދުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް އަލީ
ހުޝްރުވާން ބުނެފިއެވެ. 

އަލީ ހުޝްރުވާން ބުނީ މެލޭޝިޔާގައި ކުރިއަށްދިޔަ ޓިއޯމަން
ފެސްޓިވަލްގައި ވާދަކުރީވެސް ވާދަވެރި މުބާރާތެއްގައި
ރާޅާއެޅުމުގެ ފުރުސަތު ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ، މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ
ގޮތުންކަމަށެވެ. ދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ރާއްޖޭގައި
ކުރިއަށްދިޔަ މޯލްޑިވްސް އޯޕަން ރާޅާއެޅުމުގެ މުބާރާތަށްފަހު، އެއްވެސް
މުބާރާތެއްގައި ވާދަކޮށްފައިނުވާކަމަށް ހުޝްރުވާން ބުންޏެވެ. 

މެލޭޝިޔާގައި ކުރިއަށްދިޔަ
ޓިއޯމަން ފެސްޓިވަލަކީ މިއަހަރަށް ތައްޔާރުވުމުގެގޮތުން ބައިވެރިވި
މުބާރާތެއްކަމަށާއި، ނަމަވެސް އެމުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީން އެއްވަނަ ލިބުމަކީ
މިއަހަރުގެ ސީޒަން އުއްމީދާއެކު ފެށުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.
މެލޭޝިޔާގައި ކުރިއަށްދިޔަ ޓިއޯމަން ފެސްޓިވަލަކީ މެލޭޝިޔާގެ
ފަތުރުވެރިކަން އިޝްތިޙާރު ކުރުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
ހުޝްރުވާން ބުނީ މިހާރު ތައްޔާރުވަމުންދަނީ އޮސްޓްރޭލިއާގައި މި މަހު ފަހުކޮޅު
ބޭއްވުމަށް ހަމަޖެހިފައިވާ އޭބީއޭ މުބާރާތަށްކަމަށެވެ. އެމުބާރާތުގައި އޮސްޓްރޭލިއާގެ އެންމެ މޮޅެތި ރާޅާއެޅުންތެރިން ރާޅާއަޅާނެކަމަށް
ހުޝްރުވާން ބުންޏެވެ. 

މިމުބާރާތުގައި ރާއްޖޭގެ އަލީ ޖާވިދު ވަނީ ބޮޑީބޯޑިން ކެޓަގަރީން
ތިންވަނަ ހޯދާފައެވެ. މިމުބާރާތުގައި ރާއްޖޭގެ ނުވަ ރާޅާއެޅުންތެރިން ވާދަކޮށްފައިވެއެވެ.