ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އަބޭގެ ޖަނާޒާއަށް މިނިސްޓަރ ޝާހިދު


ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު މިއަދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއްވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިހާރުވަނީ ފުރާފައެވެ. ޝިންޒޯ އަބޭ އަވަހާރަވީ، މިއަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

އަބޭއަށް ހަމަލާ ދީފައި ވަނީ އަބޭގެ ފުރަގަހުގައި ހުރި މީހެކެވެ. ޓުޓްސޫޔާ ޔަމަގާމީ ކިޔާ މިމީހާ އަބޭއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ބަޑިއެއްކަމަށް ޖަޕާނުގެ ފުލުހުން ބުނެއެވެ. 41 އަހަރުގެ ޔަމަގާމީވަނީ ވަގުތުން ހައްޔަރު ކޮށްފައެވެ. ޝިންޒޯ އަބޭއަކީ، ޖަޕާނު ސަރުކާރަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޮޑުވަޒީރެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން 11 އަހަރު ވަންދެން، ޖަޕާނުގެ ބޮޑުވަޒީރުކަން ޝިންޒޯ އަބޭވަނީ ކުރައްވާފައެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރުއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާއިރު، މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.