ޚަބަރު

ރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީގުޅުން ގާއިމްކޮށްފި


ދިވެހިރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. މަލާވީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރ ނެންސީ ޓެމްބޯއެވެ.

ސިޔާސީ ގުޅުން ޤާއިމްކުރުމުގެ ސަބަބުން ރާއްޖެއާއި މަލާވީއާ ދެމެދު ދޭދޭ ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްއަމާޒަކަށް ވާޞިލުވުމަށް އާ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ. ރިޕަބްލިކް އޮފް މަލާވީއަކީ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކުރި 182 ވަނަ ގައުމެވެ.

ރިޕަބްލިކް އޮފް މަލާވީ އަކީ ދެކުނު އިރުމަތީ އެފްރިކާގެ ޤައުމެކެވެ. މިޤައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 18.63 މިލިއަނެވެ.

އެކުވެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ވަނީ ކަނޑައަޅާފައެވެ.